ބޮލީވުޑް

ސަންޖޭގެ ދަރިފުޅުގެ ރޯލު އެންމެފަހުން އަދިތީ އަށް

Jan 21, 2017

މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އެނބުރި އަންނަ ފިލްމު "ބޫމީ" ގައި އޭނާގެ އަންހެން ދަރިފުޅު ރޯލަށް ބަތަލާ އަދިތީ ރާއީ ހައިދަރީ ހަމަޖައްސައިފި އެވެ.

ކުރިން މި ރޯލު މިދިޔަ އަހަރު ނިކުތް "ޝިވާއޭ" އިން ބޮލީވުޑަށް ތައާރަފުވި ސައްޔީޝާ ސައިގަލް އަށް ހުށަހެޅި ކަމުގެ އަޑުތަކެއް އެރި ނަމަވެސް އޮމަންގް ކުމާރު ޑައިރެކްޓްކުރާ "ބޫމީ" ގައި ސަންޖޭގެ އަންހެން ދަރިފުޅުގެ ރޯލު ކުޅެން އަދިތީ ހަމަޖައްސާފައިވާކަން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ޔަގީންކޮށްދީފަ އެވެ.

ސައްޔީޝާގެ އިތުރުން އެ ރޯލު ވަނީ އާލިއާ ބަޓް އާއި ޝްރަދާ ކަޕޫރަށް ވެސް ހުށަހަޅާފަ އެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމަކީ ބައްޕަ އާއި އަންހެން ދަރިފުޅުގެ ޖަޒުބާތީ އަދި އަސަރުން ފުރިގެންވާ ގުޅުން ފެނިގެންދާނެ ފިލްމެކެވެ.

އަދި މި ފިލްމަކީ މަނާ ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ނިންމާލުމަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސަންޖޭ މިނިވަންވި ފަހުން ކުޅޭ ފުރަތަމަ ފިލްމެވެ.

ފިލްމުގެ މަންޒަރުތައް ނަގާނެ ލޮކޭޝަންތައް ނިންމުމުގައި ހަރަކާތްތެރިވަމުން އަންނަ ފިލްމުގެ ޑައިރެކްޓަރު އޮމަންގް ވަނީ ފިލްމުގެ ބަތަލާގެ ރޯލަށް އަދިތީ ހަމަޖައްސާފައިވަނީ މި ފިލްމަކީ ރިވެންޖް ޑްރާމާ ފިލްމަކަށް ވެފައި އަދިތީ އަކީ މޫނުމަތިން ވަރަށް މައުސޫމުކޮށް ފެންނަ އެހެންނަމަވެސް ޖަޒުބާތީ ރޯލުތައް ކުޅެން ވަރަށް ކުޅަދާނެ އެކްޓަރެއް ކަމަށް ބުނެފަ އެވެ. މީގެއިތުރުން ވެސް އޮމަންގް ވަނީ އެހެން މީހުން އެކުގައި ކާސްޓް ނުކުރާނެހެން ހީވާކަހަލަ ތަރިން އެކުގައި ހިމަނައިގެން ފިލްމު އުފައްދާ ހިތް އޭނާ ވާ ކަމަށް ވެސް ބުނެފަ އެވެ.

އަދިތީ އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް ދެ ފިލްމު ކަމަށްވާ "ވާޒިރް" އާއި "ފިތޫރް" އިންނެވެ.