ހަބަރު

ކުނި ހިފައިގެން ތިލަފުއްޓަށް ދިޔަ ދޯންޏެއްގައި ރޯވެ ގެއްލުންވެއްޖެ

Jan 21, 2017

މިއަދު ހެނދުނު ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާންރޯވެ އެ ދޯންޏަށް އެކިވަރުގެ ގެއްލުންތައް ވެއްޖެ އެވެ.

ސިފައިން ބުނީ މިއަދު ހެނދުނު 9:00 އެހާކަން ހާއިރު އަލިފާން ރޯވީ ހަލަވެލި ރިސޯޓުން ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރު ކުރަމުން ދިޔަ، "ރޭވަ" ނަމަކަށް ކިޔާ ދޯނީގައި ކަމަށެވެ. އަލިފާން ރޯވީ ދޯނީގެ އިންޖީނު ރޫމްގައި ކަމަށް ވެސް ސިފައިން ބުންޏެވެ. އެ އަލިފާން ކޮންޓްރޯލް ކުރީ ސިފައިން ބުނި ގޮތުގައި، އެދޯނީގައި ހުރި ފަޔާ އެސްޓިންގުއިޝާ ފުޅި ބޭނުންކޮށްގެން ސިފައިންގެ ފަޔަ ފައިޓަރުންނާއި ދޯނީގެ ފަޅުވެރިން ކުރި މަސައްކަތުންނެވެ.

ހާދިސާގައި މީހަކަށް ގެއްލުން ނުވި ނަމަވެސް، ދޯނީގެ އިންޖީނު ރޫމާ ދިމާލުން ދޯންޏަށް އެކިވަރުގެ ގެއްލުންވެ، ދޯނީގެ ތެރެއަށް ލޮނުވަދެ އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ސިފައިން ބުންޏެވެ. ދޯނީގެ ހެދުނު ދިޔަގަނޑު ހިއްކުމުގައި އެމްއެންޑީއެފް އިން ވަނީ އެ ދޯންޏަށް އެހީތެރިކަން ދޯރުކޮށްދީފަ އެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނުހޯދެ އެވެ. މިފަހަކަށް އައިސް ކަނޑު އުޅަދުތަކުގައި އަލިފާނުގެ ހާދިސާތައް ދިމާވުން ވަނީ އިތުރުވެފަ އެވެ.