މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން ފޯނަށް ލިބެމުން އަންނަ އެއް ނޮޓިފިކޭޝަން އަކީ ކޮންމެވެސް މީހަކު "ޖޮއިންޑް ޓެލެގްރާމް" އެވެ. ޗެޓް ކުރުމަށް ބޭނުންކުރާ މި އެޕްލިކޭޝަނާ ގުޅެމުންދާ މީހުންގެ ތެރޭގައި ސިޔާސީ އެކްޓިވިސްޓުންނާއި ނޫސްވެރިންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަރަށް ގިނަކަން ފާހަގަވެ އެވެ. މާނަ އަކީ ސިއްރިއްޔާތުގައި މުއާމަލާތު ކުރުމަށް، ވައިބަ އަށް ވުރެ ޓެލެގްރާމަށް އިތުބާރު ބޮޑު ކަމަށް ގަބޫލުކުރުމެވެ.
ފޯނުން ކުރާ ޓެކްސްޓް މެސެޖުތަކާއި ފޯނުން ދައްކާ ވާހަކަތަކާއި ފޭސްބުކް ޗެޓް ލޮގްތައް ލީކުވުން ގިނަވުމާ އެކު އެންމެން ވައިބަ އަށް ވަދެގަތީ ވަރަށް ސިއްރުން އުޅޭނަމޭ ހިތާ އެވެ. އެކަމަކު މިހާރު ވައިބަގެ ޗެޓް ލޮގްތައް އާންމުވާތީ އެންމެން ބިރުގަތީ ކަމަށް ވެދާނެ އެވެ. މީގެ ދެ އަހަރު ކުރިން އާންމުކުރި ޓެލެގްރާމް އަހަރެމެން ދިވެހިން މި ބޭނުންކުރަން ފެށީ އިހަށް ދުވަހު އެވެ. އެކަމަކު މިއީ ވައިބަ އަށް ވުރެ މާ މޮޅު އެޕްލިކޭޝަނެއް ހެއްޔެވެ؟
ޓެލެގްރާމް އިން އެޕްލިކޭޝަން ޕްރޮމޯޓް ކުރަނީ "ޓޭކިން ބެކް އަވަ ރައިޓް ޓު ޕްރައިވެސީ" ޝިއާރު ބޭނުންކޮށްގެންނެވެ. މި ބުނާ ވާހަކަ އަކީ ޗެޓް ކުރުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކުގެ ސަބަބުން ޒާތީ މިނިވަންކަން ގެއްލިފައިވާ ވާހަކަ އާއި އެ މިނިވަންކަން ޓެލެގްރާމުން ހޯދައިދޭ ވާހަކަ އެވެ.
އެކަމަކު ޓެލެގްރާމަކީ މީޑިއާ ފައިލްތައް އެޓޭޗް ކުރުމުގައި ވައިބަ އަށް ވުރެ އެތައް ގުނައެއް ކުރީގައި އުޅޭ އެއްޗެެކެވެ. ނަމަވެސް ގިނަ މީހުން މި އުޅެނީ މި ބޭނުމަކު ނޫނެވެ.
ގިނަ މީހުންނަށް ހީވެފައި އޮންނަނީ ވައިބަގެ ހަރަކާތްތައް ސަލާމަތީ ބާރުތަކަށް ބަލަނީ ކަމަށެވެ. އެކަމަކު މި އެޕްލިކޭޝަން ދޫކޮށްލުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ބެލެވެނީ އެ ބޭނުންކުރާ މީހާގެ އެއްވެސް އިހްތިޔާރެއް ނެތި ފާޑުފާޑުގެ މައުލޫތައް ހިނގާ ގްރޫޕްތަކަށް ވައްދައި އެކި ޒާތުގެ ފޮޓޯތައް ފޮނުވާތީ އެވެ. މިކަމުން ސަލާމަތްވާން ވައިބަ ދޫކޮށް ވަޓްސްއެޕާއި ޓެލެގްރާމްފަދަ އެޕްލިކޭޝަންތަކަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ. އެކަމަކު ޗެޓް ލޮގްތައް ލީކުވާ މައްސަލާގައި ވައިބަ ދޫކޮށްލާ ނަމަ އެ ކުރެވެނީ މޮޔަ ކަމެކެވެ.
ޔަގީންކަމެއް ނެތް ވައިފައި ނެޓްވޮކްތަކުގައި އިންޓަނެޓް ބޭނުންކޮށް ޗެޓް ކުރުން ފަދަ ކަންކަން ކުރާ ނަމަ ކިތަންމެ މޮޅު އެޕްލިކޭޝަނެއް ބޭނުންކުރިޔަސް ރައްކާތެރިކަމެއް ނޯންނާނެ އެވެ. ހެކް ކޮށްފައިވާ ވައިފައި އަކަށް ކަނެޓްކުރާއިރު، އެ ކަނެކްޝަނަށް ފާރަލަމުންދާ މީހާ އަށް ފޯނުގެ ހުރިހާ މައުލޫމާތެއް ވެސް ދަމައިގަނެވިދާނެ އެވެ. ފަހުގެ، ފެންވަރު ރަނގަޅު ރައުޓާތަކަކީ އެ ރައުޓާތައް މެދުވެރިކޮށް ކުރާ މުއާމަލާތްތައް އޭގައި ރައްކާކުރުމުގެ ގާބިލްކަން ހުރި އެއްޗިއްސަށް ވުމުން ހެކް ނުކޮށް ވެސް މި ހުރިހާ މައުލޫމާތެއް ހޯދިދާނެ އެވެ. އެހެންވެ މިކަމުގައި މި އޮތީ އެޕްލިކޭޝަނުގެ މޮޅުކަމެއް ނޫނެވެ. ތިމާ އަމިއްލަ އަށް ވިސްނައިގެން އުޅުމެވެ.