ހަބަރު

އިދިކޮޅު އެންމެން ވެގެން ނެރެން ޖެހޭނީ އެއް ކެންޑިޑޭޓް: ނަޝީދު

Jan 21, 2017
19
  • ސަރުކާރުން ވައްޓާލުން ބޭނުމެއް ނޫން
  • ހައްލަކީ އިދިކޮޅު އެންމެން އެއްބައިވުން
  • ހައްޔަރުކުރިޔަސް ރާއްޖެ ދާނަން

ރާއްޖޭގެ ކަންކަން ހަމަމަގަށް އަޅުވަން މި ވަގުތައް އޮތް ހައްލަކީ، ރިޔާސީ އިންތިހާބުގައި އިދިކޮޅު އެންމެން ވެގެން އެއް ކެންޑިޑޭޓަކު ނެރުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ސަރުކާރު ވައްޓާލުމަކީ މިވަގުތައް ބޭނުން ކަމެއް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ ވެސް އިންސާފުވެރި އިންތިހާބެއް ބޭއްވޭތޯ ކަމަށެވެ. އެކަން ކުރެވޭނީ އިދިކޮޅު އެންމެން އެއްބަސް ކިޔައިގެން ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

"މިހާރު ކަންތައްތައް ހުރި ގޮތުން އަޅުގަނޑަކަށް ހިއެއް ނުވޭ މިނިވަން އިންސާފުވެރި އިންތިހާބެއް ލިބޭނެ ކަމަކަށް. އެހެންވީމާ އަޅުގަނޑުމެން އިދިކޮޅު އެންމެން ވެގެން އެއްކެންޑިޑޭޓް ނެރެން ޖެހޭނީ،" ނަޝީދު ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު އެހެން ވިދާޅުވި އިރު، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އެޕާޓީ އިންނާއި ސިޔާސީ ފަރާތްތައް ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާ ދެއްވީ އިދިކޮޅު އެއް ރިޔާސީ ކެންޑިޑޭޓެއް ނެރުމުގެ މައްސަލައިގައި އުފެދުނު ހިޔާޅުތަފާތުވުންތަކުގައި ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.

އެމެރިކާގައި ހުންނަވައިގެން ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވެފައި ވަނީ ނުރައްކަލެއް ނެތި ރާއްޖެއަށް ވަޑައިގެންނެވޭނެ ވަގުތެއް އަންނާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި ވަޑައިގަންނަވާ ނަމަ ވަޑައިގަންނަވަން ޖެހޭނީ އެ ނުރައްކަލާ ކުރިމަތިލައްވާ ގޮތަށް ކަމަށެވެ.

''ރިސްކެއް ނެތި ވަޒަނަށް އެނބުރި ދެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. އެކަން ކުރެވޭނެ ވަގުތެއް ދުވަހަކުވެސް ނާންނާނެ،" އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ ޢަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެން ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. ޖަލުގައި ހުންނެވުމަށް ފަހު ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބޭސްފަރުވާއަކަށް ކަމަށް ވިދާޅުވެ، އެ ގައުމުގެ ސިޔާސީ ހިމާޔަތް ވަނީ ހޯއްދަވައިފަ އެވެ. އެކަމާ ގުޅިގެން ނަޝީދު ޕާސްޕޯޓް ކެންސަލްކޮށް ރާއްޖެ އައުމަށް ވަނީ އަންގައިފަ އެވެ.

މީގެ ކުރީގެ އިންޓަވިއުތަކާ އެއްގޮތަށް ނަޝީދު މިފަހަރު ވެސް ވަނީ މި ސަރުކާރުން ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށާއި އެކަމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެ އައުމަށް ހުރަސްއެޅޭ ކަމަށް ވިދާޅުވެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އަދި ޖީއެމްއާރުގެ އެގްރިމަންޓް ކެންސަލް ކުރުމަށް ފަހު، ވަކި މަންފާތަކެއް ލިބޭ ގޮތަށް ބޭރުގެ އެހެން ކުންފުނިތަކެއް ލައްވައި އެއާޕޯޓް ތަރައްގީ ކުރާ ކަމަށް ނަޝީދު ވަނީ ވިދާޅުވި އެވެ.

އެއާޕޯޓް ތަރައްގީ ކުރަމުން ދަނީ، ވަކި ވަކި ބައިތައް ބޭރުގެ ގާބިލް ކުންފުނިތަކާ ހަވާލުކޮށްގެން ސީދާ އެމްއޭސީއެލް އިންނެވެ. ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތަހުގީގުކޮށް ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ ކުރަން މިހާރު ވެސް ވަނީ ފޮނުވައިފަ އެވެ. ރައީސް ދާދި ފަހުން ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ ތަހުގީގުތަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

އިއްޔެ ހުވާ ކުރެއްވި އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އެމެރިކާގެ ރައްޔިތުން ހޮވި އެ މީހުންގެ ރައީސް ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ތިމާވެށީގެ ކަންކަމަށް ޓްރަމްޕް އިސްކަން ނުދެއްވާ ކަމަށް، ނޫސްވެރިޔާ ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ، ތިމާވެށި ރައްކާތެރި ކުރުމަށް ކުރާ މަސައްކަތް އެންމެ މީހަކަށް ބަދަލުކޮށްލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކޮންމެ ސިޔާސީ މީހަކު ވެސް އެންމެ ފުރަތަމަ ސަރުކާރަށް އަންނަ އިރު ޓްރަމް ފަދައިން، ތިމާވެށީގެ ކަންކަމަކީ ކުޑަކަންކަން ކަމަށް ހީވެދާނެ ކަމަށާއި އެހެން ނަމަވެސް ވެރިކަން ކުރަން ފެށުމުން އެކަންކަމާ އަޅާ ނުލެވޭވަރުގެ ކަންކަމަށް ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.