ބޮލީވުޑް

މިސް ޔުނިވާސްގެ ޖަޖަކަށް ސުޝްމީތާ ސެން

Jan 23, 2017

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު މިސް ޔުނިވާސްގެ ލަގަބު ފުރަތަމަ ފަހަރަށް ލިބުނު އިންޑިއާ އަންހެނެއްގެ ޝަރަފު ހޯދައި ބަތަލާ ސުޝްމީތާ ސެން ވަނީ ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފަ އެވެ.

މިސް ޔުނިވާސްގެ މަގާމު ލިބި، ސުޝްމީތާ ކާމިޔާބު ބަތަލާ އަކަށް ވެގެން ގޮސްފައިވާއިރު، އޭނާ އަށް އެ ޝަރަފު ލިބުނުތާ 23 އަހަރު ފަހުން އަލުން އެނބުރި ސުޝްމީތާ އެ މުބާރާތުގެ ޖަޖެއްގެ ގޮތުގައި ފެނިގެންދާނެ އެވެ.

ޕިލިޕީންސްގެ ވެރިރަށް މެނީލާގައި ބާއްވާ މިސް ޔުނިވާސްގެ 65 ވަނަ މުބާރާތުގެ ޖަޖެއްގެ ގޮތުގައި ބައިވެރިވާކަން ސުޝްމީތާ ވަނީ އިންސްޓަގްރާމްކުރި ފޮޓޯއެއްގައި ޔަގީންކޮށްދީފަ އެވެ.

ސުޝްމީތާ ވަނީ އަލުން އެނބުރި މިސް ޔުނިވާސްގައި ބައިވެރިވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަހުގެ ގޮތުގައި މީގެ 23 އަހަރުކުރިން އައި އެ ދުވަސްވެސް އޭނާގެ ހަޔާތަށް އައީ މެނިލާގައި ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ހަޔާތް މިވަނީ ވަރަށް ވަށާ ޖެހޭ އެއްޗަކަށް، އަހަންނަށް މިސް ޔުނިވާސް މީގެ 23 އަހަރުކުރިން ލިބުނީ މެނީލާގައި. އޭގެ 23 އަހަރުފަހުން އަނެއްކާ މެނީލާ އަށް އަހަރެން މިދަނީ މި މުބާރާތުގެ ޖަޖެއްގެ ގޮތުގައި. އަހަންނަށް ކުރެވޭ އުފާވެރިކަން ބަޔާންކޮށްދޭންވެސް ނޭނގޭ" ސުޝްމީތާ ބުނެފައިވެ އެވެ.

ސުޝްމީތާގެ ފަހުން އިންޑިއާ މީހަކަށް މިސް ޔުނިވާސްގެ މަގާމު ލިބިފައިވަނީ 2000 ވަނަ އަހަރު ލާރާ ދައްތާ އަށެވެ.

މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވާސް މުބާރާތުގައި އިންޑިއާއިން ބައިވެރިވަނީ ރޮޝްމިތާ ހަރިމުރްތީ އެވެ.