މެންޗެސްޓާ ޔުނައިޓަޑް ބަލިވާން ދަނިކޮށް، ކެޕްޓަން ވޭން ރޫނީ ކާމިޔާބު ކުރި ލަނޑުން 1-1 އެއްވަރުކޮށް، މެންޗެސްޓާ ޔުނައިޓަޑްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ ރެކޯޑް ވޭން ރޫނީ މުގުރާލައިފި އެވެ.
ރުނީގެ ކުރިން މި ރެކޯޑް އޮންނަނީ ޔުނައިޓަޑާއި އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ލެޖެންޑް ބޮބީ ޗާލްޓަން އަތުގަ އެވެ. އެފްއޭކަޕްގައި ރެޑިންއާ ދެކޮޅަށް މިމަހު ހަތް ވަނަ ދުވަހު ކުޅުނު މެޗުގައި ރޫނީ ވަނީ ޗާލްޓަން މެން ޔޫ އަށް ކާމިޔާބު ކޮށްދިން 249 ލަނޑާ އަރާ ހަމަ ކޮށްފަ އެވެ.
ރޭ ކާމިޔާބު ކުރި 250 ވަނަ ލަނޑު ރޫނީ ކާމިޔާބު ކުރީ މެޗުގެ އެންމެ ފަހު ވަގުތުގައި އޭނާ ޖެހި ހިތްގައިމު ހިލޭ ޖެހުމަކުން ނެވެ.
ނަވާރަސަތޭކަ ފަންސާސް ހަ ވަނަ އަހަރު ޔުނައިޓަޑާ ގުޅުނު ޗާލްޓަން އެ ރެކޯޑް ހެދީ 17 އަހަރު ތެރޭގަ އެވެ. ނަމަވެސް ރޫނީ އެ ރެކޯޑާ އެއްވަރު ކުރީ 13 އަހަރު ތެރޭގަ އެވެ. ރޫނީ ޔުނައިޓަށް ބަދަލުވީ 2004 ވަނަ އަހަރު އެވެ.
މީގެ ކުރިން އޭނާ ޖެހި 249 ލަނޑުގެ ތެރެއިން 194 ލަނޑު ޖަހާފައި ވަނީ ޕްރިމިއާ ލީގް ގައެވެ. އެއީ 381 މެޗް ފުރިހަމަ ކޮށްގެން ނެވެ. އެފްއޭ ކަޕްގައި ކުޅުނު 40 މެޗްގައި ޖަހާފައި ވަނީ 23 ލަނޑެވެ. ލީގް ކަޕްގެ 17 މެޗްގައި ޖަހާފައި ވަނީ ފަސް ލަނޑެވެ. ޔޫރަޕްގެ ކުލަބު މުބާރާތް ތަކުގައި 95 މެޗްގައި 39 ލަނޑެވެ. ކުލަބު ވޯލްޑް ކަޕްގެ ދެ މެޗްގައި ޖަހާފައިވަނީ ތިން ލަނޑެވެ. އަދި ކުޅުނު ފަސް ކޮމިޔުނިޓީ ޝީލްޑް މެޗް ކޮންމެ މެޗެއްގައި ވެސް ވަނީ ލަނޑެއް ޖަހާފަ އެވެ.
ރޭ ގެ މެޗުން ސްޓޯކް ސިޓީގެ އަށް ގޯލެއްގެ ފައިދާ ލިބުނީ މެޗުގެ 19 ވަނަ މިނެޓްގައި ވާން މާޓާ އަތުން ބައިކޮޅަށް ވަތް ލަނޑަ ކުން ނެވެ.
ބޮޑެތި ޓީމުތަކުން ރޭ ދެރަ ލިބުނީ ލިވަޕޫލަށެވެ. ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލް ބަލިވީ 3-2 ގެ ނަތީޖާ އަކުން ނެވެ.
ސްވަންސީގެ ފެނާންޑޯ ލޮރެންޓޭ އެޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައި ދީފައި ވަނިކޮށް، ލިވަޕުލަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކާމިޔަބު ކުރީ ރޮބާޓޯ ފިރްމީނޯ އެވެ.
މެޗުގެ 74 ވަނަ މިނެޓްގައި ސްވަންސީ މެޗުން މޮޅުކޮށް ދިން ލަނޑު ކާމިޔާބު ކުރީ ސިގަޑްސަން އެވެ.
ރޭ މެންޗެސްޓާ ސިޓީއާ ޓޮޓަންހަމް ހޮޓްސްޕާ ކުޅުނު މެޗު ނިމުނީ 2-2 އެއް ވަރު ވެގެންނެވެ.