ބޭރު ކުޅިވަރު

ލީޑް ފުޅާ ކުރެވުނަސް، ޒިދާން އަށް ބޮޑު ބޮލުގަ ރިހުމެއް

Jan 22, 2017

ސްޕެނިޝް ލީގްގައި ރޭ މަލާގަ އަތުން 2-1 ގެ ނަތީޖަ އަކުން މޮޅުވެ ރެއަލް އަށް ތާވަލުގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބުނަސް، ރޭ ގެ މެޗުގައި މުހިންމު ކުޅުންތެރިންނަށް އަނިޔާވުމުން، ޒިދާން އަށް އިތުރު ބޮލުގަ ރިހުމެއް ކުރިމަތި ވެއްޖެ އެވެ.

ރޭގެ މެޗުގައި ރެއާލްގެ މުހިންމު ކުޅުންތެރިން ކަމަށް، ލުކާ މޮޑްރިޗާއި، މާސެލޯ ވަނި އަނިޔާ ވެގެން ބަދަލު ކޮށްފަ އެވެ.

ރެއާލް އަށް އަންނަ ބުދަ ދުވަހު އޮތް މެޗަކީ ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގް މެޗެވެ. ފުރަތަމަ ލެގް މެޗުން ބަލިވެފައިވުމުން، ސެމީ އަށް ދިއުމަށް ރެއާލް އަށް ވަނީ ދެ ގުނަ މަސައްކަތް ކުރަން ޖެހިފަ އެވެ.

އެ މެޗު ކުރިމަތީގައި ވަނިކޮށް އެންމެ މުހިންމު ދެ ކުޅުންތެރިންނަށް އަނިޔާ ވުމުން ޒިދާން ހުރީ އިތުރަށް ކަންބޮޑުވެފަ އެވެ.

"އަހަންނަށް މިޖެހުނީ މިހުރިހާ އިންޖަރީ އަކާ އެކު ކުރިއަށް ދާން، އަހަރެމެން ކުރިމަތީގައި އޮތީ މޮޅުވުން މަޖުބޫރު މެޗެއް. އަދި ކުރިއަށް ހުރި އެހެން މެޗުތަކަކީ ވެސް ވަރުގަދަ މެޗު ތަކެއް. އަހަރެން ބޭނުން ހުރިހާ ކުޅުންތެރިން ހަމަކޮށް ތިބުން،" ރޭގެ މެޗަށްފަހު މީޑިއާގައި ވާހަކަ ދައްކަމުން ޒިދާން ބުންޏެވެ،.

"ލުކާ (މޮޑްރިޗް) އަށް ވެސް މައްސަލަ އެއް ދިމާވި، އަހަރެމެންނަކަށް އަދި ނޭނގެ ވަކި ކޮން ކަމެއް ކަން، އުންމީދު ކުރަނީ އެހާ ސީރިއަސް މައްސަލައަކަށް ނުވާނެ ކަމަށް."

ރޭގެ މެޗުގައި ރެއާލްގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މަލާގާގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ހުއާން ޕަބެލޯ އެނޯ އެވެ.

ރޭގެ މެޗުގައި ވެސް، އެންމެ ކުރީގައި ތިބި ދެ ކުޅުންތެރިން ކަމަށްވާ، ރޮނާލްޑޯ އާއި ބެންޒެމާ އަށް ލަނޑު ނުޖެހުމުގެ މައްސަލަ ކުރިމަތިވި އެވެ.

"ކަރީމް (ބެންޒެމާ) އަދި ކްރިސްޓިއާނޯ (ރޮނާލްޑޯ) އަށް މިދިޔަ މެޗު ތަކުގައި ލަނޑެއް ނުޖެހޭ، އެކަމަކު އެކަމާ އަހަރެބން ކަންބޮޑު ނުވޭ، އަހަރެމެންގެ ސަޕޯޓަރުން އަބަދުވެސް ޑިމާންޑު ކުރޭ އެ ދެކުޅުންތެރިންގެ ފަރާތުން ލަނޑެއް ފެނުން، ނަމަވެސް އުނދަގޫ ވަގުތުގައި މުހިންމީ މޮޅު ކުޅުމެއް ދެއްކުން،" ޒިދާން ބުންޏެވެ.

އެއް މެޗު މަދުން ކުޅެފައިވާ ރެއާލް އެއް ވަނައިގައި އޮތީ 43 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައި ވަނީ 39 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ބާސާ އަށް 38 ޕޮއިންޓެވެ. އެތުލެޓިކޯ މެޑްރިޑް ހަތަރު ވަނައިގައި އޮތީ 34 ޕޮއިންޓް ހަމަކޮށްގެން ނެވެ.