ހަބަރު

އެއާޕޯޓުގެ ކާގޯ ހިދުމަތް އޮޓޮމޭޓް ކުރަން ސިންގަޕޫރު ކުންފުންޏަކަށް

Jan 22, 2017
2

ވެލާނާ އިންޓަނަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދެމުން ގެންދާ ކާގޯ ހޭންޑްލިންގެ ހިދުމަތް އޮޓޮމޭޓް ކުރަން ސިންގަޕޫރުގެ، ސެޓްސް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ސިންގަޕޫރު ކުންފުންޏަކާ ހަވާލު ކުރި މި މަޝްރޫއު ނިމުމުން އެއާލައިންތަކާއި ކަސްޓަމާ ގުޅާލެވޭ ގޮތަށް ފަރުމާކޮށްފައިވާ "ކޯސިސް ސިސްޓަމް" މެދުވެރިކޮށް ކާގޯ ހޭންޑްލިންގެ މަސައްކަތް މިހާރަށް ވުވެ އަވަަހަށް ދެވޭނެ ކަމަށެވެ.

އެމްއޭސީއެލްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެކަމުގެ އެއްބަސްވުމުުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. އަދި ސެޓްސްގެ ވައިސްގެ ފަރާތުން ސޮއިކުރެއްވީ ޕްރެޒިޑެންޓް އޮފް ގޭޓްވޭ ސަޕޯޓް އެންޑް ޕްރޮޖެކްޓްސް ހައޮ ހޮކް އިން އެވެ.

އެމްއޭސީއެލްއިން ބުނީ ކޯސިސް މެދުވެރިކޮށް ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކާގޯ ހޭންޑްލިންގެ މަސައްކަތް ފުޅާވެގެންދާނެ ކަމަށެވެ.

ކޯސިސް ސިސްޓަމްއަކީ އޭޝިއާ އާއި ދެކުނު އެމެރިކާގެ 16 އެއާޕޯޓެއްގައި ވެސް ބޭނުންކުރާ ނިޒާމެކެވެ. އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން 800 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށާފައިވާ އިރު އެ މަޝްރޫއުގެ ދަށުން މުޅިން އާ ރަންވޭއެއް އަދި ޒަމާނީ ޓާމިނަލް އިމާރާތެއް ހެދުމުގެ މަޝްރޫއު ދަނީ ކުރިއަށެވެ.