ދުނިޔެ

ޖަންގަލީގެ އަލިފާނާ ހެދި ޗިލީގައި ކުއްލިހާލަތު އިއުލާންކޮށްފި

ޗިލީގެ ޖަންގަލިތަކުގައި ގިނަ އަލިފާންގަނޑުތަކެއް ރޯވެ 1250000 އޭކަރުގެ ރަހައްދެއް އަނަދައި، އަވަށްތަކަށް އަލިފާން ފެތުރިދާނެކަމުގެ ބިރު ހީވުމުން އެގައުމުގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ޗިލީގެ އަލިފާން ނިވާމީހުންނާއި ޖަންގަލިތައް ބަލަހައްޓާ މީހުން ދަނީ އެގައުމުގެ މެދުތެރެއާއި ދެކުނުގައި ރޯވެފައިވާ ވަކިވަކި 18 އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތްކުރަމުންނެވެ. އެ އަލިފާންގަނޑުތައް ބާރަށް އަނދަމުން ދަނީ ބާރަށް ވައިޖެހޭތީއާއި ހީޓްވޭވެއްގެ ސަބަބުންނެވެ.

ޗިލީގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތަކުގެ ތެރެއިން އެންމެ ބޮޑު އަލިފާންގަނޑު އަނދަމުން ދަނީ އެގައުމުގެ ވެރިރަށް ސެންތިއާގޯގެ ދެކުނުން 87 މޭލު ދުރުގައި އޮންނަ ޕޫމަންކިއު ނަމަކަށް ކިޔާ ސަރަހައްދުގައެވެ. އެ ސަރައްދުގައި ރޯވި އަލިފާނުން 24000 ހެކްޓަރުގެ ސަރަހައްދެއް ވަނީ އަނދާފަ އެވެ.

އެއަލިފާންގަނޑުން އަރަމުންދާ ދުމުގެ ސަބަބުން ސެންތިއާގޯގެ ޖައްވު ވަނީ ބަނަވެފައެވެ. އަލިފާންގަނޑު ނިއްވަން މަތިންދާބޯޓްތަކާއި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން ފެން ޖަހަމުން ދާއިރު އެކަމުގެ މާބޮޑު ނަތީޖާއެއް ނުފެނެ އެވެ. ޖިލީގެ ޖަންގަލިތަކާ ބެހޭ އިދާރާއިން ބުނެފައި ވަނީ އަލިފާންގަނޑުތައް ރޯވީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ބަޔަކު ގަސްތުގައި ރޯކުރީ ކަމަކަށް އެ ދިރާއިން ނުބުނެ އެވެ. - ރޮއިޓާސް