ވިޔަފާރި

ބީއެމްއެލްއިން ދެ ހަފްތާ ތެރޭ އެއް މިލިއަން ޑޮލަރު ވިއްކައިފި

Jan 22, 2017
1
  • މިހާރު ޑޮލަރު ދޫކުރަނީ ސީދާ އެއާޕޯޓުން
  • އާ ނިޒާމު ވަރަށް ކާމިޔާބު، ހިދުމަތް އަވަސް
  • 2،500 މީހުން ހިދުމަތް ހޯދި

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ވިއްކަން ބީއެމްއެލް އިން އޮންލައިން ޕޯޓަލް ތައާރަފްކޮށް އެ މަސައްކަތް ފެށި ފަހުން މިދިޔަ ދެ ހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން އިން މިއަދު ބުނެފި އެވެ. ޑޮލަރު ވިއްކުމަށް އަލަށް ތައާރަފް ކުރި މި ނިޒާމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑު ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ޑޮލަރު ވިއްކުން ބީއެމްއެލް އިން މެދުކަނޑާލުމަށް ފަހު މި ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު އަލުން ޑޮލަރު ވިއްކަން ފެށިފަހުން 2،500 ދަތުރުވެރިންނަށް ޖުމްލަ އެއް މިލިއަން ޑޮލަރު ދޫކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެކަން ފާހަގަ ކުރުމަށް ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ބައިވެރިވެގެން މިއަދު އެއާޕޯޓްގައި ކުޑަ ހަފްލާއެއް ވެސް ބޭއްވި އެވެ.

އާ ނިޒާމުގެ ދަށުން، ބޭންކުގެ އޮންލައިން ޕޯޓަލް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޑޮލަރު ގަންނަން ފައިސާދެއްކެ އެވެ. އަދި ފުރަން ގޮސް އެއަރޕޯޓްގެ ޑިޕާޗަރ ގޭޓް 4 ގެ ކުރިމަތީގައި ޑޮލަރު ދޫކުރުމަށް ހާއްސަކޮށްފައިވާ ކައުންޓަރުން ޑޮލަރު ނެގޭނެ އެވެ.

އޮންލައިންކޮށް ބުކިންނުހެދޭ ފަރާތްތަކަށް، އެއަރޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ އެވެ. އަދި ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަތުރުވެރިންނަށް ބޭންކުން އަންނަނީ މި ހިދުމަތުގައި އިސްކަން ދެމުންނެވެ.

"މި އާ ނިޒާމަކީ ބޭނުން ކުރަން ފަސޭހަ އަދި އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ނިޒާމެއް. ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ފޯރުކޮށްދިނުމަށް ގާއިމްކުރި އާ ނިޒާމް ވަރަށް ކާމިޔާބު،" ބީއެމްއެލް އިން މިއަދު ބުންޏެވެ.

މިދިޔަ ޗުއްޓީތެރެއާ ދިމާކޮށް ދަތުރުވެރިންނަށް އެމްއެމްއޭ އިން ޑޮލަރު ވިއްކި އިރު އެ އިދާރާއިން ވަނީ 30،000 މީހުންނަށް 15.2 މިލިއަްނ ޑޮލަރު ވިއްކައިފަ އެވެ.