ކުޅިވަރު

އެމްއެސްއެންގެ ޖާދޫ ފެނި، އެންރީކޭ ހިތްހަމަ ޖެހިފައި

Jan 23, 2017

''އެމްއެސްއެން" ގެ ނަމުން މަޝްހޫރު ވެފައިވާ މެސީ އާއި ސުއަރޭޒް އަދި ނޭމާ ހިމެނޭ ބާސެލޯނާގެ އެޓޭކިން ޓްރިއޯގެ ޖާދޫ، ހަތަރު މަހަށް ފަހު ފުރަތަމަ ފަހަރަށް ފެނުނު މެޗުގައި އެއިބާއާ ދެކޮޅަށް 4-0 ގެ ނަތީޖާ އަކުން ބާސާ ކުރި ހޯދައިފި އެވެ.

ރޭގެ މެޗަކީ، އޮކްޓޫބަރުގެ ފަހުން ލީގްގައި، އެ ތިން ކުޅުންތެރިންގެ ފަރާތުން އެއް މެޗެއްގައި ލަނޑު ފެނިގެން ދިޔަ ފުރަތަމަ މެޗެވެ. މެސީ އާއި ސުއަރޭޒްގެ ފަރާތުން ލަނޑުތައް ފެނިގެން ދިޔަ ނަމަވެސް، ނޭމާގެ ފަރާތުން، ލީގްގައި އެންމެ ފަހުން ލަނޑެއް ފެނިގެން ގޮސްފައި ވަނީ ސެޕްޓެމްބަރު މަހު 24 ވަނަ ދުވަހު ސްޕޯޓިން ޖިއޯން އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ބާސާގެ އެންމެ ފަހު ތިން ލަނޑު އެ ތިން ކުޅުންތެރިން ކާމިޔާބު ކުރިއިރު، ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މިޑްފީލްޑާ ޑެނިސް ޝުއަރޭޒް އެވެ. މިއީ އޭނާ ބާސާގެ ޖޯޒީގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުނީ، އޭނާ އެންމެ ބޮޑަށް ހިތް ހަމަޖެހެނީ މިގޮތަށް ނަތިޖާ ނެރޭ މެޗުތަކާ މެދުގައި ކަމަށެވެ.

"އަހަރެންގެ ޓީމު ދައްކަމުންދާ ކުޅުމާ މެދު އަހަރެން އަބަދުވެސް ހިތް ހަމަޖެހޭ، އެކަމަކު މިގޮތަށް ރަނގަޅު ނަތީޖާ އެއް ނެރޭ މެޗުތަކަކީ ކަންކަން ފަސޭހަ ކޮށް ގެންދިއުމަށް ލިބޭނެ ހިތްވަރަކަށް ވާނެ، އަދި ކުޅުންތެރިންގެ ހިތްވަރުވެސް އިތުރު ވެގެންދާނެ. އެހެންވެ އަހަރެން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ މެޗެއް މީ،" އެންރީކޭ ބުންޏެވެ.

މެޗުން މޮޅުވި ނަމަވެސް، އަދިވެސް ބާސާ އޮތީ ލީގްގެ ތިން ވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ސެވިއްޔާ އެވެ. ރޭ އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ސެވިއްޔާ ވަނީ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ ފަހަތުގައި ވިއްދާފަ އެވެ. އެއް މެޗު މަދުން ކުޅެ ރެއާލް އަށް ލިބިފައި ވަނީ 43 ޕޮއިންޓެވެ.

"އަހަރެން އަބަދުވެސް ބޭނުން ވަނީ މިގޮތަށް ކުރިއަށް ގެންދަން، އަހަރެން ބަލަނީ މީ [އެހެން މެޗު ތަކުގައިވެސް] ރަނގަޅު ނަތީޖާ ނެރުމުގެ ފެށުން ކަމަށް، އޭރުން އަހަރެމެންނަށް އެއް ވަނަ އާއި ވާދަ ކުރެވޭނީ،"

އެންރީކޭ ބުުނީ އަދިވެސް ބާސާ ބާއްވަން ބޭނުންވާ ހިސާބުގައި ބޭއްވުމަށް އޭނާ އަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ރޭގެ މެޗުގައި ބާސާގެ ސާޖިއޯ ބްސްކެޓްސް އަށް އަނިޔާވެ، ފުރަތަމަ ހާފުގައި އޭނާ ވަނީ ބަދަލު ކޮށްފަ އެވެ.

ނަމަވެސް އެންރީކޭ ބުނީ ބްސްކެޓް ނެތްތަން ފޫ ބައްދާނެ ކުޅުންތެރިން ތިބުމަކީ، ހިތްހަމަ ޖެހުމެއް ކަމަށެވެ.

ހަތަރު ވަނައިގައި އޮތް އެތުލެޓީކޯ މެޑްރިޑް އެތުލެޓިކޯ ބިލްބާއޯ ދެކޮޅަށް ކުޅުނު މެޗުގައި، އެތުލެޓިކޯ ބަލިވާން ދަނިކޮށް 2-2 ގެ ނަތީޖާ އަކުން އެއްވަރު ކޮށްދީ އެ ޓީމު ސަލާމަތް ކޮށް ދިނީ ފެނާންޑޯ ޓޯރޭޒް ތަނަވަސް ކޯށްދިން ފުރުސަތަކުން އެންޓޯނިއޯ ގްރިޒްމަން ކާމިޔަބު ކުރި ލަނޑުންނެވެ.

އެތުލެޓިކޯ އެއްވަރުވެ، ފަސް ވަަނއިގައި އޮތް ރެއާލް ސޮސިއެދާދު، ރޭ ސެލްޓަވީގޯއާ ދެކޮަޅަށް ކުޅުނު މެޗުން މޮޅުވުމުން، އެޓީމު ވަނީ ޕޮއިންޓްގެ ގޮތުން އެތުލެޓިކޯއާ އަރާ ހަމަ ކޮށްފަ އެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 35 ޕޮއިންޓެވެ.

ނަމަވެސް އެތުލެޓިކޯ މެޑްރިޑަށް ކުރި ލިބެނީ، އެތުލެޓިކޯ އާއި ސޮސިއެދާދު ކުޅުނު މެޗުން ސޮސިއެދާދު މޮޅުވި ނަމަވެސް، ފައިދާ ގޯލް ގިނަ ވުމުން ނެވެ.