ހަބަރު

މުލަކުގެ ފެން ޕްލާންޓް އިފްތިތާހުކޮށް ނަރުދަމާގެ މަސައްކަތް ފަށައިފި

މ. މުލަކަށް ސާފު ފެން ފޯރުކޮށްދިނުމަށް ފެށި މަޝްރޫއުގެ ދަށުން ގާއިމްކުރި ފެން ޕްލާންޓް އިފްތިތާހު ކޮށްދެއްވައި، އެ ރަށު ނަރުދަމާގެ އަމަލީ މަސައްކަތް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ފައްޓަވައި ދެއްވައިފި އެވެ.

މުލަކުގެ ނަރުދަމާގެ މަސައްކަތް ފަށައި، ފެނުގެ ނިޒާމް އިފްތިތާހު ކޮށްފައިވާއިރު، އެ އަތޮޅު ދިއްގަރުގައި ވެސް މިއަދު ފެން އިފްތިތާހުކޮށް ނަރުދަމާގެ މަސައްކަތް ފަށާފަ އެވެ. މުލަކުގައި ގާއިމްކޮށްފައިވާ ފެން ރައްކާތެރިކުރުމުގެ ނިޒާމަކީ 37.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން މި ސަރުކާރުން ގާއިމްކުރި ނިޒާމެކެވެ.

އެންމެނަށް ރައްކާތެރި ސާފު ފެން ޔަގީން ކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ފެށި މި މަސައްކަތް ފެށީ މާޗް 16، 2014 ގައެވެ. އެ މަސައްކަތް އަމަލީ ނިންމާފައި ވަނީ ޑިސެމްބަރު 4، 2015 ގައެވެ.

މި މަޝްރޫޢުގެ ދަށުން 20 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާފައި ވެއެވެ. އެ ޕްލާންޓްތަކުން ދުވާލަކު 40 ކިއުބިކް މީޓަރުގެ ފެން އުފެއްދޭނެ އެވެ. ފެން ރައްކާ ކުރުމަށް 300 ޓަނުގެ ތާނގީ އާއި، 11 ކިލޯމީޓަރު ދިގު މިނުގެ ފެންވިއުގައެއް ވެސް ވަނީ މި މަޝްރޫއުގެ ދަށުން ގާއިމްކޮށްފަ އެވެ.

ފެނުގެ ނިޒާމެއް މުލަކުގައި ގާއިމްކޮށްފައިވާއިރު އެ ނިޒާމް ނިމުނު އިރު އެ ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި 279 ފެން މީޓަރު ބަހައްޓާފައި ވެއެވެ. އަދި ފެންއުފެއްދުމަށް ދާ ހަރަދު ކުޑަ ކުރުމަށާއި، ގުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުން ކުރުމަށް އަމާޒުކޮށް ވާރޭ ފެން ރައްކާކުރުމަށް 700 ޓަނުގެ އެތާނގީއަށް ޖަމާކޮށް އެފެނުގެ ސާފުކަން ޔަގީން ކުރުމަށްފަހު އެ ނިޒާމުގެ ތެރެއިން ފެން ބޭނުން ކުރެވޭނެ ގޮތް ވެސް ހަދައިދީފައިވެ އެވެ.

މުލަކުގެ ފެން ޕްލާންޓް ބަލަހައްޓާނީ ފެނަކައިންނެވެ.