ހަބަރު

އެއާޕޯޓަށް އާ ދެ ރެސްކިއު ބޯޓު ގެނެސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރެސްކިއު ސާވިސްއަށް އާ ދެ ބޯޓު އިތުރުކޮށް އެ ސާވިސް އަޕްގްރޭޑްކޮށްފި އެވެ. މީގެ ކުރިން އެ ސާވިސްގައި އޮތީ ރެސްކިއު ދެ ބޯޓެވެ.

މިއަދު ހުޅުލޭގައި އޮތް ކުޑަ ހަފުލާއެއްގައި ރެސްކިއު ސާވިސްއަށް އަލަށް ގެނައި ދެ ބޯޓު ވަނީ އިފްތިތާހުކޮށްފަ އެވެ. އެއާޕޯޓް ކުންފުނި، އެމްއޭސީއެލް ދެމުން އަންނަ ސީ ރެސްކިއު ހިދުމަތަށް އަލަށް ގެނައި ބޯޓުތައް އިފުތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ ވިދާޅުވީ، އަލަށް ގެނެވުނު ދެ ބޯޓުގެ މައިގަނޑު ބޭނުމަކަށް ވާނީ ސީޕްލޭން ހާދިސާއެއް ހިނގާފިނަމަ އެއަށް އެޓެންޑް ކުރުން ކަމަށެވެ. އޭގެއިތުރުން ކައިރި ސަރަހައްދެއްގައި ހާދިސާއެއް ހިނގައިފިނަމަ ވެސް އެ ދެ ބޯޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"މި ގެނެވުނު ދެ ބޯޓާއެކު އެއް ފަހަރާ 100 އެއްހާ މީހުންނަށް އަޅުގަނޑުމެންނަށް ހިދުމަތް ދެވޭނެ،" އާދިލް ވިދާޅުވި އެވެ.

އެއާޕޯޓް ރެސްކިއު ސާވިސްގައި ހަރަކާތްތެރިވާ މުވައްޒަފުންނަކީ އެމްއެންޑީއެފާއި އިންޓަނޭޝަނަލް ޓްރެއިނިން ސެންޓަރުތަކުން ތަމްރީނުކޮށްފައިވާ މުވައްޒަފުންނެވެ. އެ ސާވިސްއިން ދޭ ހިދުމަތަކީ އިންޓަނޭޝަނަލް ސްޓޭންޑާޑްގެ ހިދުމަތްތައް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

އާ ދެ ބޯޓު އިފުތުތާހުކުރުމަށް ބޭއްވި ހަފުލާގައި ޑްރިލެއް ވަނީ ދައްކާލާފަ އެވެ. ޑްރިލްގައި ދައްކާލާފައިވަނީ އަލަށް ގެނައި ދެ ބޯޓު ބޭނުންކޮށްގެން އަލިފާނުގެ ހާދިސާއެއްގެ ވަގުތު އޮޕަރޭޝަން ހިންގާނެ ގޮތެވެ.