ހަބަރު

ބޭނުންވާ ކަންކަން ނުކޮށް މި ސަރުކާރުން ވާހަކައެއް ނުދައްކަން: ރައީސް

މި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތަކާއި ކުރަން ބޭނުންވާ ތަރައްގީގެ ވާހަކަ، އެ ކަންތައްތައް ފުރިހަމަ ނުވަނީސް ރައްޔިތުންނާއި ދުނިޔޭގެ ސަމާލުކަން ހޯދަން ނުދައްކާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މ. ނާލާފުއްޓަށް ވަޑައިގެން އެ ރަށުގައި ނިމިފައިވާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށް ދެއްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ބަލަނީ ސަރުކާރަށް ވެވުނު މިންވަރަކުން ރަށްތަކަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށް ކަމަށެވެ. ބޮޑެތި މަޝްރޫއުތަކާއި ދޭތެރޭ ސަރުކާރުން ޝައުގުވެރިކަން ހުންނަ ސަބަބަކީ އެއީ ކަމަށެވެ.

"މި ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތަކަށް ޝައުގުވެރިކަން ހުންނަނީ އެހެންވެ. މިރަށު ގޮނޑުދޮށް ހިމާޔަތް ކުރަން ޖަހާފައިވާ ރިވެޓްމެންޓަކީ ވެސް އާދައިގެ ކުދި ރަށްތަކުގައި ބޭނުންވެފައިހުރި އެންމެ އަސާސީ ހިދުމަތްތަކަށް ބަލާކަމަށް ވަންޏާ ތިން ހަތަރު މަޝްރޫއު ހިންގޭ ވަރުގެ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ބޮޑެތި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި ތިން އަހަރަކީ އަޅާ ކިއަން އެންމެ ރަނގަޅު މުއްދަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ތިން އަހަރުގެ ގުނައަކަށް 30 އަހަރު ވުމަކީ އިއްތިފާގެއް ކަމަށާއި މިދިއަ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވެފައިހުރި ގިނަ ކަންތައްތަކެއް ފުރިހަމަވަމުން ދިޔައީ ކީއްވެގެންކަން ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކީއްވެގެންތޯ ކުރީގައި އޮތް ތިން އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ބޭނުންނުވެފައި ހުރި ކަންތައްތަކެއް ނޫނީ ނުފުދިފައި ހުރި ކަންތައްތަކެއް އޭރު ހުރީތޯ؟ މިހާރުގެ ތިން އަހަރަށް މިހުރިހާ ކަމެއް ބަންޑުން ޖެހިގެން މިއުޅެނީ. މިއީ ކޮށްލަން ރަނގަޅު ސުވާލެއް ނޫންތޯ؟ އޭރުވެސް ހަމަ ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް. ބަޖެޓު ވެސް މިހާރަކާއި މާބޮޑު ތަފާތެއް ނެތް. އޭރުވެސް ދައުލަތަށް ލިބޭ އާމްދަނީގެ އަސާސަކީ މިހާރުގެވެސް އަސާސް" ރައީސް ވިދާޅުވި އެވެ.