ހަބަރު

ދެ މަސް ތެރޭ ފުލުހުންގެ ފްލެޓުތަކުގެ ބޮޑު ބައި ނިމޭނެ: ސީޕީ

ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ބޮޑު ބައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިމެނޭ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް ވިދާޅުވެއްޖެ އެވެ.

އެ ފްލެޓުތަކުގެ މަސައްކަތް ގޮސް ހިސާބު ބައްލަވާލެއްވުމަށް މިއަދު ހުޅުމާލެއަށް ވަޑައިގެން ފުލުހުން ހިއްސާވާ ގޮތަށް އުފައްދާފައިވާ ވިޔަފާރި ކުންފުނި 'ޕޮލްކޯ"ގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި ބައްދަލުކުރައްވާ ސީޕީ ވިދާޅުވީ ފްލެޓުތަކުގެ އޭ ބްލޮކްގެ ފުރަތަމަ ބުރީގެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ފްލެޓުތަކުގެ ހުރިހާ ބައެއްގެ މަސައްކަތް އަވަހަށް ނިމި ފުލުހުންނަށް އެތަނުގައި ދިރިއުޅެން ފެށޭނެ ކަމަށެވެ.

ހުޅުމާލޭގައި އަޅާ މި ފްލެޓްތައް އަޅަނީ ޕޮލްކޯ އަދި ސަރުކާރު ހިއްސާ ވެގެންނެވެ. ޖުމްލަ 350 ފުލެޓް ހިމެނޭ ގޮތަށް އިމާރާތްކުރެވޭ މި ޕްރޮޖެކްޓް ބެހިފައިވަނީ ތިން ބްލޮކަކަށެވެ. އެއީ 12 ބުރީގެ އޭ ބްލޮކް، އަދި ބީ ބްލޮކް އާއި ސީ ބްލޮކުގައި 14 ބުރިއެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު މިއިމާރާތުގެ 14 ބުރީގެ ބީ ބްލޮކްގެ ކޮންކްރީޓް ހުރިހައި މަސައްކަތެއް ނިމި ހަތަރު ވަނަ ބުރިއާއި ހަމައަށް ރޭނުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި އަނެއް ދެ ބްލޮކުގައިވެސް ކޮންކްރީޓް މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އިމާރާތުގެ އޭބްލޮކްގެ ފުރަތަމަ ބުރީގެ މަސައްކަތް ނިމުމާއެކު ފުލެޓްތައް ހުންނާނެ ގޮތުގެ ނަމޫނާތަކެއް ދައްކާލާ ގޮތައް ވަނީ ހަމަޖެހިފަ އެވެ.

އެފުލެޓްތަކަށް ބޭނުންވާ ފަރުނީޗަރުތަކާއި އެހެންވެސް ސާމާނުތައް ރާއްޖެއިން ބޭރުން ޑިއުޓީ ފްރީކޮށް ގެނެސްދިނުމުގެ އިންތިޒާމްތައްވެސް ޕޮލްކޯއިން ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.