ލައިފްސްޓައިލް

ޕާނާއި ރޮށި ފިހެވޭ ގޮތަކުން ކެންސަރު ޖެހިދާނެ!

Jan 24, 2017

ކެންސަރަކީ ރާއްޖޭގައި ވެސް އިތުރުވަމުން އަންނަ ބައްޔެކެވެ. އާންމު ގޮތެއްގައި ކެންސަރު ޖެހެނީ ދިރިއުޅުމުގައި ނުވަތަ ކެއިން ބުމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކެއްގެ ސަބަބުންނެވެ. ސައިންސްވެރިން މިވަނީ ކެންސަރު ޖެހުމަށް މަގުފަހިވާ އިތުރު ގޮތަކާއި ބެހޭ މައުލޫމާތުތަކެއް އާންމުކޮށްފަ އެވެ.

އެތައް ހޯދުންތަކަކަށްފަހު ދާދިފަހުން ސައިންސްވެރިން ބުނަނީ ޕާނާއި ރޮށި ފިހެވޭ ގޮތަކުން ވެސް ކެންސަރު ޖެހިދާނެ ކަމަށެވެ. އެ ގޮތަކީ މާބޮޑަށް ޕާނާއި ރޮށި ފިހުމެވެ. ޕާނާއި ރޮށި އަނދާގޮތަށް ފިހުން ނުވަތަ މުށި ކުލަ އަރާވަރަށް ފިހެގެން ބޭނުން ކުރުމަކީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.

ޕާނާއި ރޮށި އަނދާ ވަރަށް ފިހުމުން އޭގައި ހުންނަ ކާބޯހައިޑްރޭޓްގެ މާއްދާއެއް ކަމަށްވާ ސްޓާޗްތަކުން އެކްރަލަމައިޑް ކިޔާ ކެމިކަލް އެއް އުފެދެ އެވެ. މި ކެމިކަލް އަކީ ހަށިގަނޑަށް ކެންސަރު ޖައްސާ އެއްޗެއް ކަމަށްވެ އެވެ. މި ކެމިކަލް އުފެދޭނީ ހަމައެކަނި އަނދާ ވަރަށް ރޮށި ފިހެގެނެއް ނޫނެވެ. ގިނި ގަދަކޮށް ޕާނާއި ރޮށި ފިހާ ނަމަވެސް މި ކެމިކަލް އުފެދެ އެވެ.

އިނގިރޭސި ވިލާތުގައި ހުންނަ ފުޑް ސްޓޭންޑާޑްސް އޭޖެންސީ (އެފްއެސްއޭ) އިންވެސް ވަނީ އެއްޗެހި އަންދައިގެން ނުކެއުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ޗިޕްސް ފަދަ ތަކެތި ތެލުލާއިރު ވެސް ގިނި މަޑުކޮށް ރީނދޫ ކުލަ އަރާވަރަށް ތެލުލަން ވަނީ އިރުޝާދު ދީފަ އެވެ.

އެކްރަލަމައިޑް އާންމުކޮށް އުފެދޭ ކާނާގެ ތެރޭގައި ކޮފީ، ކޭކާއި ބިސްކޯދު، ޕާން، ރޮށި އަދި ޗިޕްސް ހިމެނެ އެވެ.

އެކްރަލަމައިޑްގެ ސަބަބުން އާންމުކޮށް އެންމެ ފުރަތަމަ ގެއްލުންވަނީ ނާރުގެ ނިޒާމަށް އަދި ދަރިމައިވުމުގެ ނިޒާމަށެވެ.