ބޮލީވުޑް

"ވީރް ދި ވެޑިން" ގެ ޝޫޓިން ފެށުން އަނެއްކާ ވެސް ލަސްކުރީ؟!

Jan 24, 2017

ބަތަލާއިންނަށް ހާއްސަކޮށްގެން އުފައްދާ ފުރަތަމަ ހިންދީ ފިލްމު "ވީރް ދި ވެޑިން" ގެ ޝޫޓިން އެ ފިލްމުގެ ލީޑް އެއް ބަތަލާ ކަރީނާ ކަޕޫރު، ބަނޑުބޮޑުވުމުގެ ސަބަބުން މި އަހަރުގެ އެޕްރީލް މަހު ފަށާ ގޮތަށް އޮތީ މިދިޔަ އަހަރުގެ ތެރޭގައި ލަސްކޮށްފަ އެވެ.

ކަރީނާ އޭނާގެ ފުރަތަމަ ދަރިފުޅު ތައިމޫރް މިދިޔަ މަހުގެ 20 ވަނަ ދުވަހު ވިހާފައިވާއިރު، ކުރިން ޝެޑިއުލް ކުރެވިފައި އޮތް ގޮތަށް މި ފިލްމުގެ ޝޫޓިން އެޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ބެލެވުނު ނަމަވެސް ފިލްމުގެ ޝޫޓިން މެއި މަހުގެ ތެރޭގައި ފަށާ ގޮތަށް ލަސްކޮށްފައިވާ ކަމަށްވެ އެވެ.

ރީއާ ކަޕޫރާއި އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް، ޝަޝަންކް ގޯޝް ޑައިރެކްޓްކުރާ "ވީރް ދި ވެޑިން" ގެ ޝޫޓިން ފެށުން އަނެއްކާ ލަސްކުރި ސަބަބެއް ފިލްމު އުފައްދާ ފަރާތުން ހާމަކޮށްފައި ނުވާއިރު، ފިލްމުގެ ޝޫޓިން އަށް ތައްޔާރުވުމުގެ ގޮތުން އަންނަ މަހުން ފެށިގެން ކަރީނާ ޑައިޓް ނަގައި، ބަނޑުބޮޑުވުމުގެ ކުރިން ހަށިގަނޑު ހުރި ވަރަށް ގެންނާނެ ކަމަށްވެ އެވެ.

ފިލްމުގެ ޝޫޓިން ދެވަނަ ފަހަރަށް ލަސްކުރުމާއެކު ކަރީނާ އަށް އޭނާގެ ހަށިގަނޑު ކުރިއެކޭ އެއްގޮތަށް ލޫޅާފަތިކޮށްލަން ލިބޭ މިއީ ރަނުގެ ފުރުސަތެކެވެ.

ކަރިނާ އާއެކު ފިލްމުގެ ބަތަލާގެ ރޯލުން ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ ވެސް ފެނިގެންދާނެ އެވެ.

"ވީރް ދި ވެޑިން" ގެ ޝޫޓިން ލަސްކޮށްފައިވާކަން އެއްވެސް ފަރާތަކުން ޔަގީންނުކޮށްދިން ނަމަވެސް ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާ ސޯނަމް ވަނީ ކުރީގެ މަޝްހޫރު ބަތަލާ ޓްވިންކަލް ކަންނާ އުފައްދާ "ޕެޑްމަން" ކުޅެން އޭނާ ވަނީ ސޮއިކޮށްފަ އެވެ.