އާދަމް ޝަރީފު އުމަރު

އަތޮޅުތަކުގައި ތެލުގެ ވިޔަފާރި ކުރާ ގިނަ ތަންތަން ރައްކާތެރިއެއް ނޫން: މިނިސްޓަރު

ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ތެލުގެ ވިޔަފާރި ކުރަން ހަދާފައިވާ ގިނަ ތަންތަން ހުރީ ރައްކާތެރި ކޮށް ނޫން ކަމަށާއި ރައްކާތެރި ކަމުގެ ގޮތުން އެތަންތަނުގައި އަޅަންޖެހޭ ފިޔަވަޅުތައް މިއަހަރު އަޅާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އަލިފާނުން ރައްކާތެރިވުމުގެ ގޮތުން އެމްއެންޑީއެފްއިން ތައްޔާރު ކުރާ ގަވައިދާބެހޭ ގޮތުން އެކި މުއައްސަސާތަކުގެ ހިޔާލު ހޯދަން މިއަދު ކޯސްޓް ގާޑް ބިލްޑިންގުގައި ބޭއްވި ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަތޮޅުތަކުގެ ތެރޭގައި ތެލުގެ ވިޔަފާރި ކުރާ ބައެއް ތަންތަން ހުރީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ގޮތަކަށް ނޫން ކަމަށާއި އެފަދަ ތަންތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ މާލީ ގެއްލުމުގެ އިތުރުން މުޅި ރަށަށް ވެސް ބޮޑެތި ގެއްލުންތައް ލިބުމުގެ ބިރު އެބަތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި ތެލުގެ ވިޔަފާރި ކުރާ އެފަދަ ތަންތަން ހިންގަނީ އުސޫލުތަކާ އެއްގޮތަށް ކަން ބެލުމަށް ނިންމާފައިވާ ކަމަށާއި ނުރައްކާތެރި ހާލަތުގައި ހުރި ތަންތަން، ރައްކާތެރި ގޮތުގައި މަސައްކަތް ކުރެވޭނެ ގޮތުގެ ލަފާދީ ރަނގަޅު ހާލަތަށް ގެންދާނެ ކަމަށެވެ.

"ގިނަ މީހުން މާލޭގައި ދިރިއުޅުން ނަމަވެސް މި ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާބާދީގެ ގޮތުން ބޮޑު ކުޑަ ބެލުމެއް ނެތި ސަމާލުކަމެއް ދެމުން އެބަދޭ. އަތޮޅުތަކު ތެރޭގައި ހިނގައި ކޮންމެ ކަމަކަމަށް ވެސް ސަމާލުކަން އެބަދޭ. އަދި އަލިފާނުގެ ހާދިސާތައް މަދު ކުރުމަށް ވެސް މަޝްވަރާތައްކޮށް ގިނަ މަސައްކަތް ކުރަމުން އެބަ ކުރޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީހުން ދަތުރުފަތުރު ކުރުމަށް ބޭނުން ކުރާ އުޅަނދުތައް ވެސް އެންމެ އެކަށީގެންވާ ވަރަށް އަލިފާނަށް ރައްކާތެރި ކުރެވިފައި ނުވާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ އުޅަނދުތައް ވެސް ފާސްކޮށް ހާދިސާއެއް ދިމާވެއްޖެ ނަމަ ވަގުތުން ރައްކާތެރި ފިޔަވަޅު އެޅޭ ފެންވަރަށް ގެނައުމަށް މި އަހަރު ތެރޭގައި މަސައްކަތް ކުރާނެ ކަމަށެވެ.

އެމްއެންޑީއެފް އިން ވަނީ މާލެއާ، ހުޅުމާލެއާ، ވިލިމާލެ އަދި ތިލަފުށީގައި ހުރި ގުދަނާއި ކެފޭ ރެސްޓޫރަންޓުތައް އަލިފާނަށް ރައްކާތެރިވުމުގެ ނިޒާމް ހުރި ފެންވަރު ބަލައި ފާސް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮއްސައެވެ. އެގޮތުން ފާސްކުރި ތަންތަނުގެ ބޮޑު ޕަސަންޓަކީ އެކަށީގެންވާ ފެންވަރަށް އަލިފާނަށް ރައްކާތެރި ނޫން ގޮތަކަށް ހުރި ތަންތަނެވެ.