ދުވާފަރު

ދުވާފަރު ސްކޫލްގެ ބެލެނިވެރިން އިހުތިޖާޖަށް

Jan 24, 2017
1

ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ފެންވަރާމެދު ކަންބޮޑުވުން ފާޅުކޮށް، އެ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިން އިހުތިޖާޖުކުރަން ފަށައިފި އެވެ.

އެ ރަށު ކައުންސިލް މެންބަރަކު މިއަދު ވިދާޅުވީ، ބެލެނިވެރިންގެ އިހުތިޖާޖަކަށް ނުކުތް އިރު ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ. އެގޮތުން ސްކޫލްގައި ޓީޗަރުން ހަމަނުވުމާއި ސްކޫލް ކުރިއެރުވުމަށް ޕްރިންސިޕަލް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ މައްސަލަ ފާހަގަކޮށްފައިވާ ކަމަށެވެ.

އެލްކޭޖީއިން ފެށިގެން ގުރޭޑް ހައަކަށް ކިޔަވައިދޭ އެ ސްކޫލްގައި ގާތްގަނޑަކަށް 600 އެއްހާ ދަރިވަރުން ތަމްލީމު ހާސިލުކުރެ އެވެ. މިއަދު ބެލެނިވެރިން އިހުތިޖާޖުކުރަމުންދާއިރު، ދަރިވަރުން ސްކޫލަށް ފޮނުވާފައެއް ނުވެ އެވެ.

ކައުންސިލް މެންބަރަކު ވިދާޅުވި ގޮތުގައި ސްކޫލްގެ ފާހާނާތަކުގައި ވެސް ވަރަށް ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. އެތަންތަނަށް ފެން ނުލިބޭއިރު ސްކޫލުން ބޯފެން ވެސް ނުލިބޭ ކަމަށެވެ.

މިދިޔަ އަހަރު އެ ސްކޫލާ ގުޅުނު ޕްރިންސިޕަލާމެދު ވެސް ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ މެންބަރު ވިދާޅުވި އެވެ. އެގޮތުން ޕްރިންސިޕަލް ބަދަލުކޮށް ދިނުމަށް އެދި މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ސްކޫލްގެ ކަންކަން ރަނގަޅުކުރުމަށް ޕްރިންސިޕަލް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.