ހަބަރު

ބިޔަ މަޝްރޫއެއް ހިންގަން ސައުދީގެ ނަޒަރު ފ. އަތޮޅަށް

Jan 24, 2017
6
  • މަޝްރޫއުގެ ކުރެހުންތައް ވަނީ ނިމިފައި
  • މަޝްރޫއާއެކު ފ. ވާނީ ދުނިޔޭގެ ނަމޫނާއަކަށް
  • މަޝްރޫއު ލަސްވީ ސިޔާސީ ހަލަބޮލިކަމާ ހުރެ

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތްތަކުން ފ. އަތޮޅުގައި ދުނިޔޭގެ ފެންވަރުގެ އިގްތިސާދީ ބިޔަ މަޝްރޫއެއް ފެށުމަށް ޝައުގުވެރިވެފައިވާ ކަމަށާއި އެ މަޝްރޫއު ފެށޭނެ ކަމުގައި އުންމީދު ބޮޑު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. އެފަދަ މަޝްރޫއެއް ހިންގަން އުޅޭ ކަމަށް މީގެ ކުރިން އަޑުތައް ފެތުރުނު ނަމަވެސް، މިއީ ސަރުކާރުން އެކަން ޔަގީންކޮށްދިން ފުރަތަމަ ފަހަރެވެ.

ފ. މަގޫދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ސައުދީގެ ވެރިކަމުގައި މިހާރު ތިއްބެވި އިސް ފަރާތްތަކުން ބޭނުން ވަނީ، އެކި ސިނާއީ މަސައްކަތްތައް ހިމެނޭ ގޮތުން މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ އިގްތިސާދީ ސަހަރެއް ފ. އަތޮޅުގައި ތަރައްގީ ކުރަން ކަމަށެވެ.

ރައީސް ވިދާޅުވީ އެފަދަ މަޝްރޫއެއް މިހާތަނަށް ހިންގާފައި އޮތީ ވެސް ދުނިޔޭގެ ދެތިން ގައުމެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެއީ ރާއްޖޭގެ މާލީ ތަނަވަސްކަން ހުރިގޮތުން ރާއްޖެއަށް އެކަނި ހިންގޭ ވަރަށް ވުރެވެސް ބޮޑު މަޝްރޫއެއް ކަމަށެވެ. މިފަދަ މަޝްރޫއެއްގެ ސަބަބުން އިގްތިސާދީ ގޮތުން އެތައް ފައިދާތަކެއް ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ ސަބަބުން އެތައް 100 ވަޒީފާއެއް އުފެދި، ދުނިޔޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ އެކި ސިނާއަތްތައް މި ސަރަހައްދަށް އަންނާނެ. އެހެންވެ، މި އަތޮޅާ މެދު އަޅުގަނޑުމެންގެ އުންމީދު ބޮޑީ. މީގެ ސަބަބުން މުޅި ފ. އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ފުދުންތެރި އަތޮޅަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ. "މިއީ ދުނިޔޭގައި މިގޮތަށް އިގްތިސާދީ ސިނާއަތްތަކަށް އޮތް ދެތިން ޓައުންޝިޕެއް މޮޑެލްއަކަށް ބަލައިގެން އެބޭފުޅުން ހިންގަން ރާއްވަވާފައިވާ މަޝްރޫއެއް،"

އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫއަށް ބޭނުންވާ ޗާޓްތަކާއި ކުރެހުންތައް ވެސް ސައުދީން ކުރަހައި ނިންމައި ސަރުކާރަށް ލިބިފައި ހުރި ކަމަށެވެ. މިދިޔަ އަހަރު ވެސް އެ މަޝްރޫއު ފަށަން އުންމީދު ކުރަމުން ދިޔަ ނަމަވެސް، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމާ ހުރެ އެ މަޝްރޫއުގެ ފެށުން މަޑުޖެހިގެން ދިޔައީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން މިފަދަ މަޝްރޫއުތައް ހިންގުމަށް ގައުމުގެ އަމާންކަމާއި މަސްލަހަތު އަދި ސިޔާސީ ހަމަޖެހުން މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ ސައުދީގެ ރަސްގެފާނާއި ބައްދަލުވެ އެމަނިކުފާނަށް އިސްތިގުބާލު ކުރެވޭނެ ކަމަށް ވަރަށް ކައިރި މުސްތަގުބަލެއްގައި،" ރައީސް ވިދާޅުވި އެވެ. "މިއަހަރު ވެސް މި މަޝްރޫއު ފެށިގެން ދިޔުމުގެ އުންމީދުގައި އަޅުގަނޑުމެން މިތިބީ،"

ރައީސް ވިދާޅުވީ ނިއުމަތްތައް ލިބެނީ ވެސް އަދި އެ ގެއްލިގެން ދަނީ ވެސް، އިންސާނުންގެ އަމިއްލައަށް ކުރާ އަމަލުތަކުގެ ސަބަބުން ކަމަށް ދެނެގަންނަން ޖެހޭ ކަމަށާއި މިފަދަ މަޝްރޫއުތައް އައުން ބިނާވެފައި ވަނީ ވެސް އޭގެ މައްޗަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.