ޗައިނާ

"ރާއްޖޭގެ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމެއްގެ ސުލްހައިގެ މިސާލެއް"

ޗައިނާ އާއި ރާއްޖޭގެ ގުޅުމަކީ ބޮޑު ގައުމަކާއި ކުޑަ ގައުމެއްގެ ސުލްހަވެރި ދެމި އޮތުމެއް ކަމަށާއި ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް 45 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށް ޗައިނާ އެމްބެސަޑަރު ވަން ފޫކާން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އާ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ޖެން ހޮޓަލުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަން ފޫ ކަން ވިދާޅުވީ ރާއްޖެއާ ޗައިނާ ދެމެދު އޮންނަ ގުޅުމަށް މި އަހަރު 45 އަހަރު ފުރިގެން ދާދިއުމުން ދައްކައިދެނީ ކިތަންމެ ބޮޑު ގައުމަކާއި ކުޑަ ގައުމެއް ވެސް ސުލްހަވެރި ކަމާއެކު ދެމިއޮވެވޭނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި އެ މިސާލުގައި ދެ ގައުމުގެ އެކުވެރިކަން އަންނަނީ ވެސް އިތުރަށް ވަރުގަދަވެ ބަދަހިވަމުން ކަމަށެވެ.

އެގޮތުން މި އަހަރު ދެ ގައުމުގެ ގުޅުމަށް 45 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަ ކުރަން ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ދާނެ ކަމަށް ވެސް ވަން ފޫ ކަން ވިދާޅުވި އެވެ.

"ފޮރިން މިނިސްޓަރު އާސިމް މިގެ ދުވަސް ކޮޅެއް ކުރިންޗައިނާއަށް ކުރެއްވި ދަތުރު ފުޅުގައި ޗައިނާއާ ރާއްޖެ ދެމެދު އޮތް ގުޅުމަށް އެ މުނާސަބަތު ކުލަ ގަދަކޮށް ފާހަގަ ކުރުމަށާއި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް އެއްބަސްވެފައިވޭ. މިކަން ދެ ގައުމުގެ ތާރީހުގައި ވެސް ކުލަ ގަދަކޮށް ލިޔެވޭނެ ކަން ޔަގީން،" ވަން ފޫ ކަން ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ޗައިނާއާ ރާއްޖޭގެ ގުޅުން ފާހަގަ ކުރާނީ ހަމައެކަނި ރާއްޖޭގައެއް ނޫން ކަމަށާއި އެގޮތުން އެ ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.