ޓެކްނޯލޮޖީ

"ޕޮކެމަން ގޯ" އެންމެ ފަހުން ސައުތު ކޮރެއާއަށް

Jan 25, 2017
1

"ޕޮކެމަން ގޯ" އެންމެފަހުން ސައުތު ކޮރެއާ އަށް އަރައިފި އެވެ. މިދިޔަ އަހަރުގެ ޖުލައި ހަ ވަނަ ދުވަހު ރިލީޒް ކުރި މަޝްހޫރު ސްމާޓް ފޯން ގޭމް ޕޮކެމަން ގޯ ސައުތު ކޮރެއާގައި މިހާރު ވަނީ ރިލީޒް ކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ގޭމް ސައުތު ކޮރެއާގައި ރިލީޒް ކުރުން ފަސްވީ ގޫގުލް މެޕްސްގައި ހުރި ކަންކަމާހެދި ސެކިއުރިޓީއަށް ބިރެއް އޮތުމުންނެވެ. އަދި މިގޭމް ސައުތު ކޮރެއާގައި ރިލީޒް ކުރި ނަމަވެސް ސަރުކާރާއި ނެޝެނަލް ސެކިއުރިޓީގެ ބައެއް ސަބަބުތަކާ ހެދި ގޫގުލް މެޕްސްގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ލިމިޓް ކޮށްފަ އެވެ.

ޗައިނާ ޖަޕާން އަދި ޔޫއެސް މާކެޓް ނެގުމަށްފަހު، ސައުތު ކޮރެއާ އަކީ ގޭމިންގައި ބޮޑު މާކެޓެކެވެ. އަދި މިއީ ޖަޕާން ނެގުމަށްފަހު ގޭމިންގެ އެންމެ ބޮޑު މާކެޓް އޮތް ގައުމު ކަމަށް އެނަލިސިސް ކުރާ ފަރާތްތަކުން ބުނެ އެވެ. އެހެން ކަމުން ޕޮކެމަން ގޯ ސައުތު ކޮރެއާގައި ރިލީޒް ކުރުމުން މި ގޭމް ބޫސްޓް ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ އެވެ.

ޕޮކެމަން ގޯ ގޭމް ވެގެން ގޮސްފައިވަނީ މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ވައިގައި ހިފައިގެން ދިޔަ އަދި ބައެއް ގައުމުތަކުގައި ސެކިއުރިޓީ އަށް ނުރައްކާވެދާނެ ކަމުގެ ބިރު ބޮޑުވެ މަނާ ވެސް ކުރި ގޭމަކަށެވެ.

ރާއްޖޭގައި ވެސް ވަނީ މި ގޭމް މަހެއްހާ ދުވަސް ވަންދެން ހިދުމަތް މެދުކެނޑިފަ އެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ގޭމް ޑައުންލޯޑް ކުރެވެ އެވެ.

ނިންޓެންޑޯ އަދި ނިއަންޓިކް ލެބް ގުޅިގެން އުފެއްދި މި ގޭމަކީ ދުނިޔެވީ މަންޒަރު ތަކުގައިވާ ތަންތަނުން ހިޔާލީ މޮންސްޓާ ތަކެއް ފެނިގެންދާ ގޭމެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު މި ގޭމް ރިލީޒް ކުރުމާއެކު ވަނީ 500 މިލިއަން ޑައުންލޯޑްސް ކޮށްފަ އެވެ.