ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓުގެ ތަރައްގީ އާންމުންނަށް ކިޔައިދޭ ހަރަކާތެއް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ގެންނަ ތަރައްގީތައް އާންމުންނަށް އަންގައިދީ، މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމަށް އެއާޕޯޓް ކޮމްޕެނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާއްސަ ހަރަކާތެއް މިއަދު ފަށައިފި އެވެ.

އެ ހަރަކާތުގެ ދަށުން ކޮންމެ ހަފުތާއެއްގެ ވެސް ބުދަ ދުވަހު އެއާޕޯޓަށް އެކި ދާއިރާތަކުގެ މީހުން ގެންގޮސް، އެއާޕޯޓް ތަރައްގީގެ މަޝްރޫއު ކުރިއަށްދާ ގޮތް ދައްކާލާނެ އެވެ. އެގޮތުން މިއަދު ވަނީ އޭގެ ފުރަތަމަ ބުރު ބާއްވާފަ އެވެ. މިއަދު އެމްއޭސީއެލްއިން މާސްޓަ ޕްލޭންގެ މައުލޫމާތު ދީފައިވަނީ މިނިސްޓްރީތަކުގެ ބޭފުޅުންނަށެވެ.

އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އޮފިސަރު އޮފް އިންޖިނިއަރިން އެންޑް ޔޫޓިލިޓީސް އަލީ ރިފާއު މިއަދު ވިދާޅުވީ، މި ހަރަކާތުގެ ދަށުން އެއާޕޯޓްގައި މިހާރު ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް ހިންގާނެ މަޝްރޫއުތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ ކަމަށެވެ. ހަރަކާތުގެ މައިގަނޑު މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް އެއާޕޯޓް ތަރައްގީގެ މައުލޫމާތުތައް ކިޔައިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސެޝަންތައް ޓާގެޓްކޮށްފައިމިވަނީ މިނިސްޓްރީތަކާއި މުއައްސަސާތަކާއި ކުންފުނިތަކަށް އަދި ސްކޫލް ކޮލެޖްތައް އަދި އިތުރު ޖަމިއްޔާތަކަށް ވެސް އިންވައިޓްކޮށްގެން އަޅުގަނޑުމެން މި ހަރަކާތް ކުރިއަށް ގެންދާނަން،" ރިފާއު ވިދާޅުވި އެވެ.

އެމްއޭސީއެލްއިން ކުރިއަަށް ގެންދާ ސެޝަންތަކުގައި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ދައްކައި، މަޝްރޫއު ކުރިއަށްދާ ސަރަހައްދަށް ގެންގޮސް އެ ސަރަހައްދު ދައްކާލާނެ އެވެ.

ރިފާއު ވިދާޅުވީ، އެއާޕޯޓްގައި އެތައް ގިނަ ބޮޑެތި މަޝްރޫއުތަކެއް ހިނގަމުންދާއިރު އެކަން އާންމުންނަށް ނުފެންނަ ކަމަށެވެ. އެކަމުގެ މައުލޫމާތު ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް އެއީ، ހުރިހާ ރައްޔިތުންނަށް ވެސް އެނގެން ޖެހޭ ކަންކަން ކަމަށާއި އެއާޕޯޓަށް ގެންނަނީ ހުރިހާ ދިވެހިން ވެސް ފަހުރުވެރިވާ ފަދަ ތަރައްގީތަކެއް ކަމަށް ރިފާއު ވިދާޅުވި އެވެ.

"ވަރަށް ބައިވަރު ހަރަދުތަކެއް ކޮށްގެން އަޅުގަނޑުމެން މިކަންކަން މިކުރަނީ، މިއީ ދިވެހި ރައްޔިތުންގެ ލާރި، ރައްޔިތުންނަށް އެބަ އެނގެންޖެހޭ ތަރައްގީއަށް މަސައްކަތްތައް ކުރާކަން،" ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ، އެންމެ އާންމު ރައްޔިތު މީހާއާ ހަމައަށް ވެސް އެއާޕޯޓް ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގެ ވާހަކަ ގެންދަން ޖެހޭ ކަމަށެވެ. މިއަދު ފެށި ހަރަކާތުން އެ ވާހަކަތައް އާންމު ރައްޔިތުންނާ ހަމައަށް ގެންގޮސްދޭނެ އެންބެސެޑަރުންތަކެއް ތަމްރީނުވެގެންދާނެ ކަމަށެވެ.

އެއާޕޯޓް ތަރައްގީގެ ކުރުމުގެ ބިޔަ މަޝްރޫއުއެއް މި ސަރުކާރުން ފަށާފައިވާއިރު، އާ ރަންވޭ އެޅުމަށް ބޭނުންވާ ބިމުގެ 90 ޕަސެންޓް މިހާރު ވަނީ ހިއްކާފަ އެވެ. އަދި އާ އިންޓަނޭޝަނަލް ޓާމިނަލް އެޅުމަށް ބޭނުންވާ ބިމުގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ހުސްކޮށްފަ އެވެ.