ލައިފްސްޓައިލް

ހިތްހަމަ ޖެހުމާއެކު ދުވަސް ފަށަައިގަންނަން މިއީ ރަނގަޅު ގޮތެއް

Jan 26, 2017

ފަތިހުން ފެށިގެން ފޯނު އެލާމްވާން ފެށިއަސް ރަނގަޅަށް ދެ ލޯ ހުޅުވާލާ އެނދުން ތެދުވެވޭ ވަރުވަނީ ހެނދުނު ހަތެއް ޖަހާ ބޮޑުވީމަ އެވެ. އެންމެ ފުރަތަމަވެސް ބަލައިލެވެނީ ފޯނަށެވެ. ދުވަހުގެ ޝެޑިއުލާއި ސޯޝަލް މީޑިއާއިން ލިބިފައި ހުރި ނޮޓިފިކޭޝަންތައް ބަލައިލާއިރު ދުވަހުގެ ބުރަކަން އޮންނަނީ ލަފާކޮށްލެވިފަ އެވެ. އެކަމުގެ ސަބަބުން ހިންހަމަނުޖެހުމެއް ހިތަށް ވެރިވެ މޫޑު ގޯސްވެ އެވެ. އެހާލެއްގައި އުޅެ ތައްޔާރުވެގެން ޓްރެފިކްގައި ޖެހި ދާހިއްލާ ފޯވެގެން އައިސް އޮފީހަށް އައިސް ވަދެވޭ އިރުވެސް ރަނގަޅަށް ނިންޖެއް ނުފިލަ އެވެ.

އެހެންވުމުގެ ސަބަބުން ފާޑެއްގެ ބޮލުގެ ރިހުމެއް ހުންނަނީ އުފެދިފަ އެވެ. މީހާ ހުންނަނީ ހިންހަމަ ނުޖެހުމުން ވަށާލާފަ އެވެ. ހެނދުނު ގަޑީގައި މީހަކު ވާހަކަ ދެއްކިއަސް ހުންނަނީ އެތެރެއިން ރުޅި އައިސްގެން ފަޅައިގެންދާން ކައިރިވެފަ އެވެ. ދުވަހުގެ ފެށުން ގޯސް ވުމުގެ ސަބަބުން އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. އަނެއް ދުވަހުގެ ފެށުން ރަނގަޅު ކުރަން ކޮންމެ ދުވަހަކުވެސް ހިތުން އަޒުމް ކަނޑައަޅަ އެވެ. ނަމަވެސް އެއާ އެއްގޮތަށް އަމަލެއް ނުކުރެވެ އެވެ. ކަންނެއްވެސް ވަނީ އެވެ. މިކިޔާލަދެނީ ނިކަން ފަސޭހައިން ދުވަހުގެ ފެށުން ރަނގަޅު ކޮށްލެވިދާނެ ގޮތެކެވެ. މިކަމަށް ހޭދަވާނީ އެންމެ ގިނަ އިރުވިޔަސް 10 ވަރަކަށް މިނެޓެވެ.

އެންމެ ފުރަތަމަވެސް ހޭލާ ގޮތަށް ފޯނު ހޭވުމުގެ ބަދަލުގައި ކުޑަކޮށް ކަސްރަތު ކޮށްލާ ދުވެލަން ދާށެވެ. މާ ގިނަ އިރެއް ނޫނެވެ. ކަސްރަތުކޮށްލާ ސްޓްރެޗް ކޮށްލާށެވެ. ދުވަން ނުގޮސް ގޭގައިވެސް ކުޑަކޮށް ސްޓްރެޗްކޮށްލެވިދާނެ އެވެ. މިކަހަލަ ދެ ތިން ކަސްރަތެއް އެންމެ ރަނގަޅުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މީގެ އިތުރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާ ދުވަހަށް ތައްޔާރުކޮށްލަން ފުންކޮށް ދެތިން ފަހަރަކު ނޭވާ ލާށެވެ. މިއީ ރަނގަޅަށް ސިކުނޑި ހޭލައްވާލާނެ ކަމެއްވެސްމެ އެވެ.

މިހުރިހާ ކަމަކަށްވުރެވެސް އެންމެ ފުރިހަމަ ހިންހަމަ ޖެހުމެއް ލިބޭނީ ފަތިސް ނަމާދުން ދުވަސް ފަށައިގަތުމުންނެވެ. ނަމާދުކޮށްލުމުން ހަށިގަނޑަށް ބޭނުންވާ ކަސްރަތުތައްވެސް ކޮށްލެވޭނެ އެވެ. އަދި މީގެ އިތުރުން ލިބިފައި ހުރި ނިއުމަތްތަކާއި މެދު ވިސްނާލާ ޝުކުރުކޮށް ހަމްދު ކުރުމުންވެސް ދުވަހުގެ ފެށުން ވަރަށް ރަނގަޅުވާނެ އެވެ. އަދި ހިނިތުންވުމާއެކު ދުވަސް ފަށައިގަންނާށެވެ. ދުވަހުގެ ބުރަކަން އަންދާޒާކޮށް މޫޑު ގޯސް ކުރުމުގެ ބަދަލުގައި ލިބިފައި ހުރި ނިއުމަތްތަކާއި ދޭތެރޭ ވިސްނާ ހިންހަމަ ޖައްސާލާށެވެ. މިގޮތަށް ދުވަސް ފަށައިގެންފި ނަމަ އޮފީހަށް ދާއިރު މޫޑީވެފައި ހުންނަ ހުރުމަށް ނިމުމެއް އައި "މޯނިން ޕާސަން" އަކަށް ވެދާނެ އެވެ.