ހަބަރު

ސީރިއާ މަތިން އެމެރިކާގެ ޑްރޯންއެއް ވައްޓާލައިފި ކަމަށް ބުނެފި

ސީރިއާގެ ލަދީގިޔާ މަތިން އުދުހެމުން ދިޔަ އެމެރިކާގެ ޑްރޯންއަކަށް ހަމަލާދީ ވައްޓާލައިފި ކަމަށް ސީރިއާ ސިފައިން ބުނެފި އެވެ.

ދާހިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ސީރިއާގެ އަސްކަރިއްޔާ އިން ބުނީ ސިފައިންގެ ބާރުގަދަ ލަދީގިޔާ މަތިން ދިޔަ ޑްރޯން ވައްޓާލީ ހަމަލާ ދީގެން ކަމަށެވެ. އެމެރިކާ އިން ވެސް ވަނީ ޑްރޯންއަކާ ގުޅުން ކެނޑިފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ހަމަލާއެއްގެ ސަބަބުން ދިމާވި ގޮތެއް ކަމަށް އަދި ބުނަން ނޭނގޭ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސީރިއާ ސިފައިން އެމެރިކާގެ ޑްރޯން ވައްޓާލި ކަމަށް ބުނާ ވާހަކަ އަކީ ތެދެއް ނަމަ އެކަން ވެގެން ދާނީ ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ގައުމުތައް ބައިވެރިވެގެން ހަމަލާ ދޭން ފެށި ފަހުން ސީރިއާ ސިފައިން ވައްޓާލި އެމެރިކާގެ ފުރަތަމަ ބޯޓަށެވެ.

އައިއެސްއާ ދެކޮޅަށް ހަމަލާދޭ ގައުމުތަކުގެ އިއްތިހާދުގައި ސީރިއާ ބައިވެރިއެއް ނުވެ އެވެ.

ސީރިއާގެ ގައުމީ ނިއުސް އެޖެންސީން ބުނީ ޑްރޯން ވައްޓާލާފައި ވަނީ ދެކޮޅުވެރިކަމުގެ ހަރަކާތެއްގައި އުޅެނިކޮށް ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ މި ހާދިސާ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

ޑްރޯން ވައްޓާލި ކަމަށް ބުނެފައި ވަނީ ސީރިއާ ސިފައިންނަށް ހަމަލާދޭ ޖަމާއަތްތަކާ ދެކޮޅަށް ކްލޮރިންގެ ހަމަލާތައް ސިފައިން ދޭ ކަމުގެ ތުހުމަތު ބޮޑުވެފައި ވަނިކޮށެވެ. ނަމަވެސް ސީރިއާ ސަރުކާރުން ބުނަމުން ދަނީ އެއީ ދޮގު، ޕްރޮޕަގެންޑާ ވާހަކައެއް ކަމަށެވެ. –ބީބީސީ