ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ފޯމްތައް ބާތިލުކުރި މައްސަލަ ހައިކޯޓަށް ބެލިދާނެތޯ ސުވާލު އުފައްދައިފި

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމަށް ޕާޓީތަކުން ހުށަހެޅި ކެނޑިޑޭޓުންގެ ފޯމްތައް ބާތިލުކޮށް، އަލުން ފޯމް ހުށަހަޅަން އެންގީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީއިން ހައިކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓުގެ އިހުތިސޯސުން ބޭރު މައްސަލައެއް ކަމަށް ދައުލަތުން ބުނެފި އެވެ.

މިއަދު ހައިކޯޓުގައި ބޭއްވި މި މައްސަލާގެ ފުރަތަމަ އަޑު އެހުމުގައި އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވަނީ މައްސަލާގައި އެމްޑީޕީއިން އެދޭ އެދުން ހުށަހަޅާފަ އެވެ. އަނަސް ވިދާޅުވީ، އިންތިހާބު ފަސް ކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވީ ނަމަވެސް އަލުން އިންތިހާބަށް އިއުލާން ކުރުމަށް އަންގާފައިނުވާ ކަމަށެވެ. އެހެންކަމުން އަލުން އިންތިހާބަށް ކުރިމަތިލާން އިލެކްޝަނުން ހުޅުވާލީ ސިވިލް ކޯޓުގެ ހުކުމުގެ ރޫހާއި ސާފު އިބާރާތުން ބުނެފައިވާ ގޮތާ ހިލާފަށް ކަމަށެވެ.

އަނަސް ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން އަމަލުކޮށްފައިވަނީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެ މާއްދާއަކީ އިންތިހާބަށް ހުށަހެޅި ހުށަހެޅުންތަކާމެދު ނިންމާ ނިންމުމެއް އެންގުމަށް އަމަލުކުރަން ޖެހޭ ގޮތުގެ މާއްދާ އެވެ. އެ މާއްދާގައިވާ ގޮތުން ފޯމް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ބަލައިގަތްކަން ނުވަތަ ނޫންކަން އަންގަން ޖެހޭނެ އެވެ. އަދި އެ މާއްދާގެ (ނ) ގައި ވަނީ ފޯމް ގަބޫލު ނުކުރެވޭނެ ހާލަތްތައް ވެސް ކަނޑައަޅާފަ އެވެ. އެގޮތުން ފޯމެއް ބާތިލު ކުރެވޭނީ ހުށަހަޅަންޖެހޭ އެއްޗެއް ހުށަނާޅާނަމަ ނޫނީ ސައްހަ ނޫން އެއްޗެއް ހުށަހަޅައިފިނަމަ ނޫނީ ޝަރުތެއް ފުރިހަމަނުވާނަމަ އެވެ.

އަނަސް ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ކެނޑިޑޭޓުންގެ ފޯމްތައް ބާތިލު ކުރިކަން ކުރިން އަންގާފައިނުވާ ކަމަށެވެ. އަދި ފޯމްތައް ބާތިލުކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ މި މައްސަލަ ހައިކޯޓަށް ބެލުމަށް އިހުތިސޯސްގައި ހިމެނެނީ ކިހިނެއްތޯ އަނަސްއާ ސުވާލު ކުރައްވާފަ އެވެ. ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުން އެ މައްސަލައިގެ އިހުތިސޯސް ހައިކޯޓަށް ލިބިގެންވޭތޯ ވަނީ ސުވާލުކުރައްވާފަ އެވެ. އެ މާއްދާގައިވަނީ ފޯމްތައް ބަލައިގަތުމާމެދު ކޮމިޝަނުން ނިންމި ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް ކަމަށާއި އެ ނޫން ކަމަކާ ގުޅޭގޮތުން ނަމަ ހައި ކޯޓަށް ކަމަށެވެ.

ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފަ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އެމްޑީޕީއިން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އިލެކްޝަން ކޮމިޝަނަށް އެކަމުގެ ޝަކުވާ ހުށަނާޅާ ކަމަށެވެ. ގާނޫނުގައިވާ ގޮތުން ޝަކުވާ ބެލޭނެ ނިޒާމެއް އިލެކްޝަނުން ގާއިމުކޮށްފައިވާ ކަމަށެވެ.

އިންތިހާބާ ބެހޭ ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުން އިންތިހާބުތަކާ ބެހޭ ހާއްސަ ގާނޫނާ ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދާ ހިލާފަށް އެއްވެސް ފަރާތުން އެއްވެސް ކަމެއް ކޮށްފިނަމަ އެކަމެއް ހައިކޯޓަށް ހުށަހެޅިދާނެ އެވެ. ނަމަވެސް އެކަން ކުރަންޖެހޭނީ އިލެކްޝަންނަށް ޝަކުވާ ހުށަހަޅައި އެ ޝަކުވާއާ ގުޅޭ ގޮތުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އިޖުރާއީ ނުކުތާއަށް ޖަވާބުދާރީވުމަށް އެމްޑީޕީއިން ވަނީ ފުރުސަތަކަށް އެދިފަ އެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމާލީ އެ ފުރުސަތު ދެމުންނެވެ.

މި މައްސަލާގައި ވަގުތީ އަމުރަކަށް އެދެން ވެސް އެމްޑީޕީއިން ބޭނުންވި އެވެ. ނަމަވެސް އެ އަމުރާމެދު ގޮތެއް ނިންމާނީ މައްސަލަ ބެލުމުގެ އިހުތިސޯސް ހައިކޯޓަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށްފަހު ކަމަށެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.