އަވަސް ވީކެންޑް

ކަސްޓަމްސް ގަދަ ކުރުމުގެ އަމާޒުގައި އާ ސީީޖީ!

Jan 27, 2017
2

ގިނަ މީހުންނަށް މިއީ ދެކިފަރިތަ މޫނެވެ. ހާއްސަކޮށް ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ގިނަ ބޭފުޅުންނާ މިއީ ގާތް ބޭފުޅެކެވެ. ގިނަ މީހުންނާ ދިމާވެފައި ހުންނާނީ ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯ އިންނެވެ. އެ ކުންފުނީގެ ގިނަ މަގާމު ތަކެއް ފުރުއްވި އެވެ. އެސްޓީއޯއަށް ގިނަ ހިދުމަތް ތަކެއް ކޮށްދެއްވި އެވެ. އެ ކުންފުނީގައި 29 އަހަރު ހިދުމަތް ކުރެއްވި އެވެ. މިހާރު ހުންނެވީ، މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ އެންމެ އިސް މަގާމުގަ އެވެ. މިއީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމަސް (ސީޖީ) އިބްރާހިމް ޝަރީފު މުހައްމަދު އެވެ. ނުވަތަ އާއްމު ނަމުންނަމަ ޝަރީފު އެވެ.

"ކަސްޓަމްސައަކީ ވަރަށް ރަނގަޅު މެނޭޖުމަންޓް ސިސްޓަމެއް އޮތް. ފުރިހަމަ މުއައްސަސާއެއް މިހާރު ވެސް. އަޅުގަނޑުގެ އެންމެ ބޮޑު އެއް އަމާޒަކީ މި ތަން [ކަސްޓަމްސް] އަކީ ވަރުގަދަ ތަންފީޒީ ވުޒާރާ އަކަށް ހެދުން،" ކަސްޓަމްސްގެ މިހާރުގެ ސީޖީ ޝަރީފު ވިދާޅުވި އެވެ.

ޝަރީފު، ސްކޫލް ދަތުރު ފުރިހަމަ ކުރެއްވުމަށްފަހު، ފުރަތަމަ ނުކުންނެވި ވަޒީފާއަކީ އެސްޓީއޯ އެވެ. އެއީ އުމުރުން އެންމެ 20 އަހަރުގަ އެވެ. އެ ދުވަހުން ފެށިގެން އެ ކުންފުނީގައި 29 އަހަރު ދުވަހު ހިދުމަތް ކުރެއްވިއިރު އެއީ މަސައްކަތައް ކަމޭހިތާ، ވެރިންނާއި މުވައްޒަފުންގެ ލޯބި ހޯއްދެވި މުވައްޒަފެކެވެ. ކޮންމެ ކަމެއްގައި ވެސް އެންމެ އިސްކަން ދެއްވީ ގަޔާވެގެން އެކަމެއް ކުރެއްވުމަށެވެ.

"ސްކޫލް ނިންމާފަ ވަޒީފާ އަށް ނުކުތްއިރު ސަރުކާރަށް ހިދުމަތް ކުރުމުގެ ޖޯރެއް ނެތް. އޭރު ސްކޫލް ނިންމާފަ ވަންނަން ބޭނުންވާ ތަންތަނުގެ ފޯމެއް ފުރަން ޖެހުނު. އަޅުގަނޑު އެ ލިސްޓުގައި ޖެހީ ގައުމީ ކުތުބުހާނާ އާއި [އެމްޓީސީސީ] ކުލީބައި ފަދަ ތަންތަން. މިހެންހުއްޓައި، އަޅުގަނޑު ތިމާގެ މީހަކު އައިސްފައި ބުނީ އެސްޓީއޯ އަށް ވަންނާށޭ. އެހެންވެ ވަނީ،" ޝަރީފު ފުރަތަމަ ވަޒީފާގެ ތަޖުރިބާ ހިއްސާ ކުރެއްވި އެވެ.

"އެސްޓީއޯ އަށް ދިޔަ ދުވަހު ބުނީ އިނިގިރޭސިން ލިޔެ ބަލާށޭ އެސްޓީއޯ އަށް ވަންނަން ބޭނުންވާ ސަބަބު. އަޅުގަނޑު އޭރު ވެސް ޝައުގުވެރިވޭ އިނގިރޭސި ބަހަން. އެހެންވެ ލިޔެލީ. އެ ޒަމާނުގައި ވެސް އެސްޓީއޯއަކީ މީހުން ވަންނަން ބޭނުންވާ، އުޅޭ ހިތްވާ ކުންފުންޏެއް."

އެސްޓީއޯގައި އެންމެ ފުރަތަމަ ވަޒީފާއަކީ ޕްރޮކިއުމަންޓު، ކުރިން ކިޔާ ގޮތުންނަމަ އިމްޕޯޓް ޑިޕާޓްމަންޓެވެ. އެ ތަނުގައި ޝަރީފު ކުރަން ޖެހުނު މަސައްކަތަކީ ސަރުކާރުގެ ބޭނުމަށް އެތެރެކުރާ ހުރިހާ މުދަލެއް ބެލެހެއްޓުމެވެ. ކަސްޓަމަށް ގޮސް މުދާ ކްލިއަ ކުރަން ވެސް ޖެހުނެވެ.

"އެސްޓީއޯގެ އެންމެ ދަށުން ފެށީ، އެ ތަނުގައި އުޅުމަށް ފަހު ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެެއް ހަދަން ދިޔައީ އިނގިރޭސިވިލާތަށް. އެ ގައުމުން ޑިޕްލޮމާ ހެދީ ޝިޕިން މެނޭޖުމަންޓުން. އެ އަށްފަހު އެސްޓީއޯގެ ޓްރާންސްޕޯޓް ސާވިސަސް ބަލަހައްޓަމުން ދިޔައީ. އެ ތަން ހަ އަހަރު ބެލެހެއްޓިން،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވަނީ އެސްޓީއޯގެ މެއިން ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރައްވާފަ އެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން އިން ފެށިގެން ތެލުގެ ބަޔާއި ރަށްރަށުގައި އެ ކުންފުނިން ހިންގާ ވިޔަފާރިތަކާއި ބޭހުގެ ވިޔަފާރި ކުރާ ޑިޕާޓްމަންޓްތަކުގެ ހެޑްކަން ވެސް ކުރެއްވި އެވެ. އަދި އެސްޓީއޯ ކޯޕަރޭޓް އެންޑް ލީގަލް ޑިޕާޓްމަންޓުގެ ބަޔާއި ޗީފް ފައިނޭންސް އޮފިސަރުގެ މަގާމު ވެސް ފުރުއްވި އެވެ.

"އެސްޓީއޯގެ ސަބްސިޑަރީއެއްގެ އަބަދު ވެސް ބޯޑް ޑިރެކްޓަރު ކަމާއި ޗެއާމަންކަން ކުރަން. އެންމެ ބޮޑު ޕެޝަނަކީ ގުޑް ގަވަނަންސް. އަޅުގަނޑު މަސައްކަތް ކުރި ހުރިހާ ކުންފުންޏެއްގައި ވެސް ގުޑް ގަވަނަންސް އަށް އިސްކަން ދިނިން. އެ މެކޭނިޒަމް ގާއިމް ކުރަން،" ޝަރީފު ވިދާޅުވި އެވެ.

"އެސްޓީއޯ އަށް ވަން އިރު އެއީ ވަރަށް ކުރި. އޭރު އެތަނުގައި އެންމެ ޒަމާނީ ޓައިޕްރައިޓަރެއް ނުހުރޭ. ތިން ކޮޕީ ލައްވާ ޓައިޕްރައިޓާ ހުންނަނީ. އޭރު އެކައުންޓްސްގެ އެއްޗެއް އެއް ކުރަން ވެސް ކަލްކިޔުލޭޓަރުން އެއް ކުރަން ޖެހެނީ. ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނީ."

އެސްޓީއޯގައި މަސައްކަތް ކުރިއިރު، ޝަރީފު ވަނީ އެ ކުންފުނީގެ ހިންގުމުގެ ނިޒާމުގެ ތެރެއަށް "އެސްއޭޕީ" ސޮފްޓްވެއާ ތައާރަފު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. ސޮފްޓްވެއާ ގާއިމް ކުރުމުގައި މެނޭޖަރަކީ ވެސް މިއީ އެވެ.

"މިއީ ބޮޑު ކާމިޔާބީއެއް. މިކަން ދުނިޔޭގެ އެހެން ސޮފްޓްވެއާ ކުންފުނިތަކާއި އެސްއޭޕީ ސޮފްޓްވެއާ ކުންފުނި ވެސް ގަބޫލުކުރޭ. މީގެން ލިބުނު އަނެއް އުފަލަކީ މި ސޮފްޓްވެއާ އިން މުޅި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތް ކޮށްލެވޭ،" ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން، އެފްއެސްއެމް އުފެއްދުމުގައި ވެސް ޝަރީފު ވަނީ މުހިންމު ރޯލެއް އަދާކުރައްވާފަ އެވެ. ޝަރީފު ވަނީ އެސްޓީއޯގައި ހުންނަވާ ގިނަ ކޯސް ތަކެއް ވެސް ފުރުއްވާފަ އެވެ.

އެސްޓީއޯއަށް ފަހު އެމްޕީއެލްގެ އެމްޑީގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި މިހާރު އިންނެވީ ކަސްޓަމްސްގަ ސީޖީގެ ގޮނޑީގައި އެވެ.

"އެސްޓީއޯއަކީ ގިނަ ބަޔަކު އުޅެން ބޭނުންވާ ކުންފުންޏެއް. ނަމަވެސް ރައީސް [ޔާމީން] ވިދާޅުވީ ޝަރީފު ޕޯޓާ ހަވާލުވެ ދެއްވާށޭ. އެހެންވެ ހަވާލުވީ. އޭގެ ފަހުން މިހާރު މި ހުރީ ކަސްޓަމްސްގަ. ރައީސް އެސްޓީއޯގެ ޗެއާމަންކަމުގައި ހުންނެވިއިރު ވެސް އެސްޓީއޯގައި މަސައްކަތް ކުރިން،" ޝަރީފު ވިދާޅުވި އެވެ.

މަސައްކަތުގައި، ބުރަކޮށް އުޅުވާއިރު، ޝަރީފުގެ ވަރަށް ހާއްސަ "ސްޓައިލެއް" އޮވެ އެވެ. އެއީ ދާދި ފަހަކާ ޖެހެންދެން ވެސް ބޯދިގުކޮށް ބެހެއްޓުމެވެ. މިކަން ކުރީ ބޯދިގު ކުރުމާ މެދު މީހުންގެ ވިސްނުން އަނބުރާލާށެވެ.

"ބޯދިގު ކުރީ ދެ ސަބަބެއް އޮވެގެން. މުޖުތަމައު ދެކޭ ގޮތުގައި ބޯދިގު ކުރާ މީހުންނަކީ ގޯސް ބައެއް. އެހެންވެ މިކަން ބަދަލު ކޮށްލަން ބޯދިގު ކުރީ. އަޅުގަނޑު ދައްކައިދޭން ބޭނުންވީ ބޯދިގު ކުރިއަސް ރަނގަޅަށް އުޅެވިދާނެކަން،" ޝަރީފު ވިދާޅުވި އެވެ.

ކަސްޓަމްސްގެ ސީޖީގެ މަގާމުގައި ޝަރީފު ދެކިލައްވަން ބޭނުންވާ ދުވަހަކީ ކަސްޓަމްސްއަކީ ވަރުގަދަ ތަންފީޒީ ވުޒާރާއަކަށްވުމެވެ. އެކަމަށްޓަކައި އާ ސީޖީ ހުންނެވީ، ކަސްޓަމްސްގެ މުވައްޒަފުންނާއެކު އަތު ގުޅާލައިގެންނެވެ.