ވިޔަފާރި

ކުދި ވިޔަފާރިތަކުން ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފި

Jan 26, 2017

އަހަރެއްގެ މައްޗަށް އެއް މިލިއަން ރުފިޔާއަށް ވުރެ އާމްދަނީ ލިބޭ ވިޔަފާރިތަކުން، ބީޕީޓީ ނޫނީ ވިޔަފާރި ފައިދާއިން ނަގާ ޓެކްސްގެ ބަޔާން ހުށަހަޅަން ނުޖެހޭ ގޮތަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ހަމަޖައްސައިފި އެވެ.

ބީ.ޕީ.ޓީގެ ގަވާއިދަށް މީރާ އިން މިއަދު ގެނައި އިސްލާހުގައި ބުނެފައި ވަނީ، ވަކިފަރުދެއްގެ ނުވަތަ ޑީމްޑް ޕާޓްނަޝިޕެއްގެ އަހަރެއްގެ އާމްދަނީ އެއް މިލިއަން ރުފިޔާއަށް ނާރާނަމަ، ނުވަތަ އަހަރުދުވަހުގެ ފައިދާ 500،000 ރުފިޔާއަށް ނާރާ ނަމަ ބީޕީޓީ ބަޔާން ހުށަހަޅާކަށް ނުޖެހޭނެ ކަމަށެވެ. މީގެ ކުރިން 750,000 ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބޭނަމަ ޓެކްސް ބަޔާން ހުށަހަޅަން ޖެހެ އެވެ.

"މި ލުއިގެ ސަބަބުން ކުދި ވިޔަފާރިތައް ހިންގާ އަމިއްލަ ފަރުދުންނާ ޑީމްޑް ޕާރޓްނަރޝިޕްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ،" ބަދަލު ގެނައި ސަބަބާ ގުޅޭ ގޮތުން މީރާ އިން ބުންޏެވެ.

ކުދި ވިޔަފާރިތަކަށް މީރާއިން ދެމުން ދާ ލުއިތަކުގެ ތެރެއިން 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ހިސާބުތައް ބެލެހެއްޓުމުގައި "ކޭޝް ބޭސިސް" ބޭނުން ކުރުމުގެ ފުރުސަތު ދިނުމާ އެކު، އެ ފަރާތްތަކުން އޮޑިޓް ރިޕޯރޓް ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި، އޮޑިޓްކުރަން ޖެހޭ ކުދި ވިޔަފާރިތަކަށްވެސް އޮޑިޓަރުން ހޯދުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮޑިޓަރުން އައްޔަން ކުރުމުގައި ވިޔަފާރިތައް ގިންތި ކުރެވިފައިވާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.