ވިޔަފާރި

އެސްޓީއޯގެ އެންމެ ރަނގަޅު ސަބްސިޑަރީ ކުންފުންޏަކަށް މޯލްޑިވް ގޭސް

Jan 29, 2017
1

ރައްޔިތުންނާއި ސަރުކާރު ހިއްސާވާ، އެސްޓީއޯގެ ދަށުން ހިންގާ ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ރަނގަޅަށް ހިންގި ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި، މޯލްޑިވްސް ގޭސް ހޮވިއްޖެ އެވެ.

އެސްޓީއޯގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފްލާގައި، "ބެސްޓް ގަވަނަންސް އެކްސެލެންސީ އެވޯޑް" މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މައުމޫންއާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން ހުސެން ސާލިމް އެވެ.

ބެސްޓް ގަވަނަންސް އެވޯޑް އެސްޓީއޯއިން ދެނީ އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ހިންގުން ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމާއި ކޯޕަރޭޓް ގަވަނަންސް އާއި އެއްގޮތައް އެންމެ ރަނގަޅަށް ހިންގާ ކުންފުންޏަށެވެ. މޯލްޑިވްސް ގޭސް އިން ބުނީ މި އެވޯޑް ލިބުމުން ދައްކުވައިދެނީ އެ ކުންފުނީގެ ހިންގުން ރަނގަޅުވެފައިވާ މިންވަރު ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދެފުށް ފެންނަ ގޮތަކަށް ކުންފުނީގެ އޮޕަރޭޝަންތައް ހިންގައި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތެއް ދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

"މިފަދަ އެވޯޑެއް ލިބުމަކީ މި ކުންފުންޏަށް ލިބޭ ފަހުރެކެވެ،" އެވޯޑް ލިބުމުގެ އުފަލުގައި މޯލްޑިވްސް ގޭސްއިން ބުންޏެވެ.

މިދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް ގޭސްއިން ވަނީ މުޅިން އަލަށް ލުއިފުޅި ތައާރަފްކުރުމާއި އެހެން ވެސް އެކި ބޭނުންތަކަށް ބޭނުންވާނެ ގޭހުގެ އެކި އާ ބާވަތްތަކެއް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފަ އެވެ. އަދި އެ ކުންފުނިން ވިއްކާ ބައެއް ބާވަތްތަކުގެ ގޭސްފުޅީގެ އަގުވެސް ކުންފުނިން ވަނީ ހެޔޮކޮށްފަ އެވެ. މީގެ އިތުރަށް ތިލަފުށްޓާއި މާލޭގައި ހުރި އެ ކުންފުނީގެ ފެސިލިޓީތަކުގެ ފެންވަރު ރަނގަޅުކޮށް ގޭސް ޑެލިވަރީގެ ހިދުމަތް ވެސް ހަރުދަނާކުރުމަށް އެ ކުންފުނިން މިދިޔަ އަހަރު ވަނީ ފިޔަވަޅު އަޅައިފަ އެވެ.

މޯލްޑިވްސް ގޭސްގެ އިތުރުން އެސްޓީއޯގެ ދަށުން ދެން ހިންގާ ކުންފުނިތަކަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް އާއި އެލައިޑް އިންޝްއަރެންސް އެވެ. އެސްޓީއޯއިން ރޭ ފާހަގަ ކުރީ އެ ކުންފުނީގެ 52 ވަނަ އަހަރީ ދުވަހެވެ.