ދުނިޔެ

ފަހު ވަގުތުގެ ނަތީޖާއާ އެކު ނަތަންޔާހޫ އަނެއްކާވެސް ބޮޑުވަޒީރުކަމަށް

Mar 18, 2015
1

އިޒްރޭލުގައި އިއްޔެ ބޭއްވި އިންތިހާބުގައި އެއްވެސް ޕާޓީ އަކަށް، ސަރުކާރު އެކުލަވާލެވޭ ވަރަށް ވޯޓު ނުލިބޭނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވިފައި ވަނިކޮށް ފަހު ވަގުތުގެ ނަތީޖާ އިން މިހާރުގެ ވެސް ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ އަނެެއްކާވެސް ޔަގީންކަން ހޯއްދަވައިފި އެވެ.

ނަތަންޔާހޫގެ ލިކޫޑް ޕާޓީ އާއި އިދިކޮޅު ޒަޔަނިސްޓް ޔުނިއަން އަށް ވެސް ލިބޭނީ ގާނޫނު ހަދާ މަޖިލިސް ނެސެޓްގެ 120 ގޮނޑީގެ ތެރެއިން 27 ގޮނޑި ކަމަށް ބެލެވިފައި ވިޔަސް ގާތްގަނޑަކަށް ހުރިހާ ވޯޓެއް މިހާރު ގުނާފައި ވާއިރު ލިކޫޑަށް ވަނީ 29 ގޮނޑި ލިބިފަ އެވެ. ޒަޔަނިސްޓް ޔުނިއަން އަށް ލިބިފައި ވަނީ 24 ގޮނޑި އެވެ. މި ނަތީޖާ އިން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ނަތަންޔާހޫ އަށް ލިބިވަޑައިގަންނަވާއިރު އޭނާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުގެ އެންމެ ގިނަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ވެގެން ދާނެ އެވެ.

ނަތަންޔާހޫ އިންތިހާބުގެ ކުރިން ވިދާޅުވެފައި ވަނީ އޭނާ އަށް އަލުން ބޮޑުވަޒީރުކަން ލިބިއްޖެ ނަމަ ފަލަސްތީނަށް ދައުލަތެއް ލިބުނު ނުދެއްވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅު ޒަޔަނިސްޓު ޔުނިއަން އިން ބުނެފައި ވަނީ ފަލަސްތީނާ ގުޅުން ބަދަހިކޮށް އިޒްރޭލުގެ ބައިނަލްއަގުވާމީ އެކަހެރިކަން ނައްތާލަން މަސައްކަތް ކުރާނެ ކަމަށެވެ.

އިޒްރޭލުގެ އިންތިހާބީ ނިޒާމު އޮންނަ ގޮތުން، ދުވަހަކު ވެސް އެއްވެސް ޕާޓީއަކަށް މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތެއް ނުލިބެ އެވެ.