ހޮލީވުޑް

އޮސްކާ އަށް ނޮމިނޭޓްވިޔަސް އެމެރިކާ އަށް ދެވޭނެ ގޮތެއް ނެތް

Jan 30, 2017

އޮސްކާގައި މި އަހަރު އެންމެ މޮޅު "ފޮރިން ލެންގުއޭޖު ފިލްމަކަށް" އީރާނުގެ "ދަ ސޭލްސްމަން" ނޮމިނޭޓްވެފައިވިޔަސް މި ޝަރަފްވެރިކަމާ އެކު ގޮސް އޮސްކާ ހަފުލާގައި ބައިވެރިވުމުގެ ފުރުސަތެއް ފިލްމުގެ ޑައިރެކްޓަރު، އަސްގަރު ފަރުހާދީ އަކަށް ނެތެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ ގަރާރެއްގެ ދަށުން، ބައެއް ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާގެ ދޮރު ވަގުތީގޮތުން ބަންދުކޮށްފައިވާތީ އެވެ.

ޓްރަމްޕް އެގްޒެކެޓިވް އޯޑަރު 90 ދުވަހަށް ދިގު ދެމިގެންދާއިރު މި މުއްދަތުގައި އީރާނާއި އިރާގު އަދި ސޫދާން އާއި ލީބިއާގެ އިތުރުން ސޯމާލިއާ އާއި ޔަމަނުގެ ރައްޔިތުންނަށް އެމެރިކާގެ ދޮރާށި ވާނީ ބަންދުކޮށްފަ އެވެ. އޮސްކާ ހަފުލާ ލޮސް އެންޖެލިސްގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

މި ފިއްތުމާ ގުޅިގެން އެމެރިކާ އަށް ދެވޭނެ މަގު ބަންދުވެފައިވާއިރު އޮސްކާ ހަފުލާގައި ބައިވެރިނުވާނެކަން ފަރްހާދީ ވަނީ މިހާރު ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. ފަރުހާދީ އަކީ އޭނާ މީގެ ކުރިން ގެނެސްދިން މަޝްހޫރު ފިލްމު "އަ ސެޕަރޭޝަން" އިން އޮސްކާގައި "ބެސްޓް ފޮރިން ލެންގުއޭޖު" ފިލްމުގެ އެވޯޑް ހާސިލުކޮށްފައިވާ ފަރާތެކެވެ.

"ދަ ސޭލްސްމަން" އަކީ މި އަހަރުގެ ރޭހުގައި ފެވަރިޓެކެވެ. މި ފިލްމުގައި ދައްކުވައި ދެނީ ތިއޭޓާ ޕްލޭއެއްގައި ބައިވެރިވެގެން އުޅޭ ދެ އެކްޓަރެއްގެ ޒާތީ ދިރިއުޅުން ހަލާކުވެ ނިއުޅިގެންދާ ގޮތެވެ.