މުހައްމަދު ނާޒިމް

ނާޒިމް މައްސަލާގައި ވޯކިން ގްރޫޕުގެ ލަފައަށް ސަރުކާރުން އިއުތިރާޒްކޮށްފި

Jan 30, 2017
1

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅި މައްސަލައާއި ގުޅިގެން، އެ ގްރޫޕުން އާންމު ކުރި ލަފައަށް ދިވެހި ސަރުކާރުން އިއުތިރާޒުކޮށްފި އެވެ.

ނާޒިމްއަކީ ރާއްޖޭގައި ގެންގުޅުން މަނާ ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް، ގެންގުޅުމުގެ ކުށުގައި، މާޗް 26، 2015 ގައި، 11 އަހަރަށް ހުކުމްކޮށްފައިވާ މީހެކެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެގައި ބުނަނީ ނާޒިމްގެ މައްސަލަ، ޖިނާއީ އަދުލުގެ ނިޒާމުގެ އެކި އެކި މަރުޙަލާތަކުގައި ކުރިއަށް ގެންގޮސްފައިވަނީ، ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި އެކަން ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖެއަކީ، މިނިވަން މުސްތަގިއްލު ގައުމެއްކަމަށްވާއިރު، އެ މައްސަލައާ ގުޅޭގޮތުން ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރަން ދިވެހި ސަރުކާރުން ގޮވާލާ ކަމަށެވެ.

"... ތަހުގީގު މަރުޙަލާގަ އާއި ޝަރީއަތުގެ މަރުޙަލާގައި މުޙައްމަދު ނާޒިމް ބަންދުގައި ބެހެއްޓިފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށްވާއިރު، އެ މަރުޙަލާތައް ކުރިއަށް ދިޔައިރު، އެއްވެސް ވަގުތެއްގައި، އަދި މިހާތަނަށްވެސް، މުޙައްމަދު ނާޒިމްގެ ފަރާތުން އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާ ކަމަށް ކަމާބެހޭ ކޯޓަކަށް މައްސަލައެއް ހުށަހަޅާފައިނުވާކަން ފާހަގަ ކުރަމެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. "މުޙައްމަދު ނާޒިމްގެ ފަރާތުން އާބިޓްރަރީ ޑިޓެންޝަންގައި އޭނާ ބަހައްޓާފައިވާކަމަށް ޝަކުވާއެއް އޮތްނަމަ، ކަމާބެހޭ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ހައްގު އަދި ފުރުޞަތު އެފަރާތަށް ލިބިގެންވާކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ތެރެއިން އެފަދަ މައްސަލައެއް މުޙައްމަދު ނާޒިމްއަށް ހުށަހެޅުމުގެ ހައްގީއި ފުރުޞަތު އެފަރާތަށް ލިބިދީފައިވާތީ، ދިވެހިރާއްޖޭގެ ކަމާބެހޭ ނިޒާމުގެ ބޭނުން ހިފައި، އެގޮތުގެ މަތިން އެ މައްސަލަ ހުށަހެޅުމަށް އެފަރާތަށް ބާރުއެޅުމަށް ދިވެހިސަރުކާރުން އދ. ގެ ވޯކިން ގްރޫޕަށް ގޮވާލަމެވެ."

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައިވޯކިން ގްރޫޕުން އާންމުކޮށްފައިވާ ލަފާގައި، ސަރުކާރުން އެ ގްރޫޕަށް ހުށަހެޅި މައަުލޫމާތުގެ ވަކި ބައިތައް ވަނީ ހިމަނާފައި ވެއެވެ. ނަމަވެސް އޭގެތެރޭގައިނާޒިމްގެ ޝަރީއަތް ކުރިޔަށް ދިޔައީ އަދުލު އިންސާފުގެ ހުރިހާ ހަމަތަކާއި، އިންސާފާއި އެއްގޮތަށް ކަމަށް ބަޔާންކޮށް ސަރުކާރުން ހުށަހަޅާފައިވާ ތަފްޞީލުތަކުގެ އެއްވެސް މަޢުލޫމާތެއް ހިމަނާފައެއް ނުވެއެވެ. އަދި ނާޒިމްއަށް މައްސަލައިގައި ދިފާއުވުމަށް އެކަށީގެންވާ ވަގުތު ދެވިފައިވާ ކަމަށާއިނާޒިމްގެ ފަރާތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތައް ކޯޓުން ބަލައިގަނެ އަދުލު އިންސާފުވަނީ ގާއިމުކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"... އޮޕީނިއަންގައި ބަޔާންކުރެވިފައިވާ ގޮތާ ޚިލާފަށް، މުޙައްމަދު ނާޒިމް ދިރިއުޅޭ ތަނުން ގެންގުޅުންމަނާ ހަނގުރާމަވެރި ހަތިޔާރު ފެނުނު އިރު، އޭނާއަކީ ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތެއް ނޫނެވެ. މުޙައްމަދު ނާޒިމް އޭރު ހުންނެވީ ދިވެހިސަރުކާރުގެ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީގެ މަޤާމުގަ އެވެ. އޭނާ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން ފަށާފައިވަނީ އޭނާގެ މައްސަލައިގެ ތަޙުގީގީ މަރުޙަލާގެ ތެރޭގަ އެވެ. އެކަންކަމާބެހޭ ފުރިހަމަ މަޢުލޫމާތު ވާނީ ވޯކިން ގްރޫޕާއެކު ޙިއްސާކޮށްފަ އެވެ މީގެ އިތުރުން، ވޯކިން ގްރޫޕުން ޝާއިއުކޮށްފައިވާ މަޢުލޫމާތުގައި، މުޙައްމަދު ނާޒިމް ހުރީ ޖަލުގައި ނޫންކަމާއި، 21 އޭޕްރީލް 2016 އިން ފެށިގެން އޭނާ ހުންނަނީ ގޭބަންދުގައި މާލޭގައިކަން ފާހަގަކޮށްފައެއް ނުވެއެވެ."

ފޮރިން މިނިސްޓްރީން ބުނީ ވޯކިން ގްރޫޕްގެ ލަފާގައި، ބައެއް އަމިއްލަ ޖަމްޢިޔާތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާގުޅޭ ގޮތުން ޝާއިއު ކޮށްފައިވާ ޚަބަރުތަކަށް ރިޢާޔަތްކޮށް، އެފަދަ ޖަމްޢިޔާތަކަށް "ހިޔުމަން ރައިޓްސް އެކްސްޕާޓްސް" ގެ ނަމުން މުޚާތަބުކޮށްފައިވާތީ ދިވެހި ސަރުކާރު ހިތާމަކުރާ ކަމަށާއި އދ. ގެ ވޯކިން ގްރޫޕްތަކަކީ ވަކި ފަރާތަކަށް ނުޖެހޭ، މިނިވަންކަމާއެކު އެފަރާތްތަކަށް ހުށަހެޅޭ މައްސަލަތައް ބެލޭ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ.