ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އެމްޑީޕީން ހާޒިރުނުވާތީ އިންތިހާބާ ގުޅޭ މައްސަލަ ބާތިލު

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމަށް ޕާޓީތަކުން ހުށަހެޅި ކެނޑިޑޭޓުންގެ ފޯމްތައް ބާތިލުކޮށް، އަލުން ފޯމް ހުށަހަޅަން އެންގީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހައިކޯޓަށް ވެއްދި މައްސަލަ އެ ކޯޓުން މިއަދު ބާތިލުކޮށްފި އެވެ. އެ ކޯޓުން މައްސަލަ ބާތިލު ކުރީ އެމްޑީޕީއިން މިއަދު ކޯޓަށް ހާޒިރު ނުވާތީ އެވެ.

އެމްޑީޕީއިން ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދަށް ތާވަލުކުރި އަޑުއެހުމުގެ ގަޑި ޖެހުނުއިރު ވެސް އެމްޑީޕީގެ ވަކީލް އަނަސް އަބްދުލް ސައްތާރު ކޯޓަށް ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. ވަކީލް އަނަސްއާ ނުލައި މައްސަލައިގެ އަޑުއެހުން ފެށުމަށްފަހު މައްސަލާގައި ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ އަލުން އެ މައްސަލަ ހުށަނޭޅޭ ގޮތަށް މައްސަލަ ބާތިލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މައްސަލަ ބާތިލުކޮށްފައިވަނީ ހައިކޯޓުގެ ގަވައިދުގެ (ބ) ގައިވާ ގޮތަށެވެ. އެ މާއްދާގައި ވަނީ ބާތިލު ކުރެވޭ މައްސަލައަކީ އިންތިހާބީ ޝަކުވާ ނުވަތަ އިންތިހާބީ ކުށުގެ މައްސަލައެއްނަމަ އެ މައްސަލައެއް ދޫކޮށްލި ކަމަށް ބަލައި، އިތުރަށް ހުށަނޭޅޭ ގޮތަށް އެ މައްސަލައިގެ ދައުވާ ފޯމް ބާތިލުކުރެވެ އެވެ.

އެމްޑީޕީގެ ވަކީލް ވަޑައި ނުގަންނަވާއިރު އެ ޕާޓީގެ ގިނަ އިސް ބޭފުޅުން މި ވަގުތު ތިއްބެވީ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވުމަށް ލަންކާއަށް ވަޑައިގެންނެވެ.

މިއަދުގެ އަޑުއެހުމަކީ މި މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން ފާހަގަކުރި އިޖުރާއީ ނުކުރާއަށް އެމްޑީޕީއިން ޖަވާބުދާރީވުމަށް ތާވަލުކުރި އަޑުއެހުމެކެވެ. އިޖުރާއީ ނުކުތާއެއް ދައުލަތުން ނެގީ އެމްޑީޕީއިން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ އިލެކްޝަން ކޮމިޝަނަށް އެކަމުގެ ޝަކުވާ ހުށަނާޅާތީ އެވެ. ގާނޫނުގައިވާ ގޮތުން ޝަކުވާ ބެލޭނެ ނިޒާމެއް އިލެކްޝަނުން ގާއިމުކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުން އިންތިހާބުތަކާ ބެހޭ ހާއްސަ ގާނޫނާ ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދާ ހިލާފަށް އެއްވެސް ފަރާތުން އެއްވެސް ކަމެއް ކޮށްފިނަމަ އެކަމެއް ހައިކޯޓަށް ހުށަހެޅިދާނެ އެވެ. ނަމަވެސް އެކަން ކުރަންޖެހޭނީ އިލެކްޝަންނަށް ޝަކުވާ ހުށަހަޅައި އެ ޝަކުވާއާ ގުޅޭ ގޮތުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.