މަރު

ސިކުނޑި މަރުވި، ކަލައިދޫ ކުއްޖާ މަރުވެއްޖެ

Feb 1, 2017
13

ލ. ކަލައިދޫގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބޮލަށް އަނިޔާވި ކުޑަ ފިިރިހެން ކުއްޖާގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުގައި އުމުރުން 14 ގެ އެ ކުއްޖާ މަރުވީ ބޮލަށް ލިބިފައިވާ ސީރިއަސް އަނިޔާތަކުގެ ސަބަބުން އޭނާގެ ސިކުނޑި މަރުވެ ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލައްވަމުން ގެންދަނިކޮށެވެ.

އެ ކުއްޖާ މަރުވި އިރު މީގެ ދެ ދުވަސް ކުރީގެ އެކްސިޑެންޓަށްފަހު ޑޮކްޓަރުން ވަނީ އޭނާގެ ގަދަވާނެ ކަމުގެ އުންމީދު ކަނޑާލައި އެކަން އާއިލާއަށް ވެސް އަންގާފަ އެވެ.

އަހުމަދު ވިޝާލް ނަމަކަށް ކިޔާ އެކުއްޖާ ރޭ މަރުވި އިރު، ބޮލަށް އަނިޔާ ލިބި އޭނާގެ ސިކުނޑި މަރުވި އެކްސިޑެންޓް ހިނގާފައި ވަނީ މީގެ ދެ ދުވަސް ކުރިން މެންދަމުން އަލިވެ 3:00 ވެސް ޖަހާފައި ވަނިކޮށް ސައިކަލް ދުއްވަން ނުކުމެ އުޅެނިކޮށެވެ. އެ އެކްސިޑެންޓެއްގައި އޭނާގެ ބޯޖެހުނު ވަގުތުން ފެށިގެން އޭނޭގެ ސިކުނޑި ހުއްޓިފައިވާ ކަމަށް ވެއެވެ.

ވިޝާލް އާއި އެ އުމުރުގެ އެހެން ކުއްޖަކާއި 13 އަހަރުގެ ފިރިހެން ކުއްޖަކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ތިން ސައިކަލެއްގައި ދުއްވަން ނުކުމެ އުޅުމުގެ ތެރޭގައި ވިޝަލްމެން ދުއްވި ދެ ސައިކަލު ޖެހި، ދެކުދިންނަށް ވެސް އެކިވަރުގެ އަނިޔާވި އެވެ. ނަމަވެސް ބޮލަށް ސީރިއަސް އަނިޔާތައް ލިބުނީ ވިޝާލް އަށެވެ. އޭނާ މާލެ ގެނައީ ރަށުގައި ވެސް ފަރުވާ ދިނުމަށް ފަހު އެވެ. އަނެއް ކުއްޖާ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލީ އެވެ.

ވިޝާލް މާލެ ގެނައި އިރުވެސް އޭނާގެ ސިކުނޑި އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރެ އެވެ.