ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގައި ކޮންމެ ތިން މަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް!

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެމްއޭސީއެލް އިން ހިންގާ "ދޮވެމި" އެރައިވަލް ޝޮޕުން ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިިފި އެވެ.

ކޮންމެ ތިން މަހުން ޔަމަހާ ސައިކަލެއް ދޫކޮށްލާ މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެލިއާ އިންވެސްޓްމެންޓްސް އާއި ގުޅިގެންނެވެ. އެއާޕޯޓުގައި ގާއިމްކޮށްފައި ހުންނަ ސުވެނިއާ ފިހާރަތަކަކީ އާންމުންނަށް ވެސް ހުޅުވާލައިގެން ހިންގާ ފިހާރަތަކެއްކަން އަންގައިދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދޮވެމި ސުވެނިއާ އިން 1،000 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަން އާއި ބެހޭގޮތުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެ ފިހާރައިން ވިޔަފާރިކޮށް ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ވީއައިއޭ އިން ފުރާ ފަސިންޖަރުންނަށް އެކަނި ނޫން ކަމަށާއި އާންމުކޮށް ހުރިހާ އެންމެނަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

އާދިލް ވިދާޅުވީ ދޮވެމި އެރައިވަލް ޝޮޕުން ލިބޭ މުދަލަކީ ޑިއުޓީ ފްރީގެ ފެންވަރުގެ މުދާ ކަމަށެވެ. އެ ފިހާރަ މިހާރަށްވުރެ ބޮޑު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށެވެ.

"އެ ޝޮޕް އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ. އެކަމާ ބެހޭ އިދާރީ މަސައްކަތްތައް މިހާރު ވެސް ނިމިފައި ހުރީ،" އާދިލް ވިދާޅުވި އެވެ.