ވިޔަފާރި

އަހަރު ނިމުނު އިރު ރާއްޖޭގެ ރިޒާވަށް ކުރިއެރުން

Feb 2, 2017
  • ރިޒާވްގައި ހުރީ 467.1 މިލިއަން ޑޮލަރު
  • ޔޫސެބުލް ރިޒާވަށް 36 ޕަސެންޓް ކުރިއެރުން
  • ޓީބިލް ވިއްކާ އަދަދު އަދިވެސް މައްޗަށް

މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްއަށް ކުރިއެރުން ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިދިޔަ އަހަރު ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައްކަން ޖެހުމުން ރިޒާވަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށްބެލެވުނެވެ.

ގައުމެއްގެ މާލީ ހާލަތާއި އެ ގައުމެއްގެ ރިޒާވްގައި ފައިސާ ހުންނަ މިންވަރާ ގުޅިފައިވާ އިރު، އެމްއެމްއޭ އިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ އިގްތިސާދީ ރިވިއުގައި ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން ބުނެފައި ވަނީ، ޑިސެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 467.1 މިލިއަން ޑޮލަރު ކަމަށެވެ. މިއީ ނޮވެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ ރިޒާވްގައި ހުރި، 343.5 މިލިއަން ޑޮލަރަށް ވުރެ 36 ޕަސެންޓް އިތުރު އަދަދެކެވެ. އެހެން ކަމުން މަހުން މަހަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވަށް މި ވަނީ 123.6 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

އެމްއެމްއޭގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޔޫޒަބުލް ރިޒާވް ނޫނީ ވަގުތުން ބޭނުންކުރެވޭ ގޮތަށް ރިޒާވްގައި ހުރި ފައިސާގެ އަދަދު ވެސް އަހަރު ނިމުނު އިރު ވަނީ އިތުރުވެފަ އެވެ. އެގޮތުން ޔޫސެބުލް ރިޒާވް 200 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ނޮވެމްބަރު މަސް ނިމުނު އިރު ޔޫސެބުލް ރިޒާވްގައި ހުރީ، 110.6 މިލިއަން ޑޮލަރެވެ. އެހެން ކަމުން ޑިސެމްބަރު މަސް ނިމުނު އިރު ޔޫސެބުލް ރިޒާވް މި ވަނީ 81 ޕަސެންޓް އިތުރުވެފަ އެވެ. އެއީ 89.4 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

"ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި އަދަދަކީ މަހުން މަހަށް ބަލާއިރު ވަރަށް ބޮޑު ތަން އިތުރު އަދަދެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު މި އަދަދަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވެ އެވެ،" އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކުރި އެވެ.

އަހަރުނިމުނު އިރު ރިޒާވް ރަނގަޅުވި ނަމަވެސް، ނޮވެމްބަރު މަހުގެ ތެރޭގައި ޖީއެމްއާރަށް ފައިސާ ދެއްކުމަށް އެމްއެމްއޭ އިން އެމްއޭސީއެލްގެ ބޮންޑެއް 140 މިލިއަން ޑޮލަރަށް ގަތުމުން ރިޒާވް ވަރަށް ބޮޑަށް ދަށްވި އެވެ.

ރިޒާވް ރަނގަޅުވި ނަމަވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ބޭންކްތަކަށް ވިއްކި ޓީބިލްގެ އަދަދު އިތުރުވެ، އެބައިން ދަރަނި ވަނީ އަހަރު ނިމުނު އިރު ބޮޑުވެފަ އެވެ. އެގޮތުން ޓީބިލް އާއި ބޮންޑަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ވަނީ 16 ޕަސެންޓް އިތުރުވެފަ އެވެ. މިހާރު ޖުމްލަ 23.3 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި ހުއްޓެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އަލުން ރަނގަޅުވެ، ރާއްޖޭގެ އިގްތިސާދީ އެވްރެޖްކޮށް 4.3 ޕަސެންޓްގައި ކުރިއަރާނެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާފައި ވަނީ 3.5 ޕަސެންޓްގަ އެވެ. ސަރުކާރުން ލަފާކުރީ މިދިޔަ އަހަރު 6.4 ޕަސެންޓްގައި އިގްތިސާދު ކުރިއަރާނެ ކަމަށެވެ.