ހަބަރު

އިންތިހާބެއް ބާއްވައިފިނަމަ މި ސަރުކާރު ބަލިވާނެ: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވައިފިނަމަ ސަރުކާރު ހިންގާ، ޕީޕީއެމް ބަލިވާނެ ކަމަށާއި ރައްޔިތުންގެ މެދުގައި މި ސަރުކާރަށް ތާއިދެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ލަންކާއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ، ހޮޓަލް ބެރްޖަޔާގައި އެމްޑީޕީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ކަންކަން މުޅިން ގޯހަށް ގޮސްފައިވާ ކަމަށެވެ. އެ ހާލަތުން ރާއްޖެ ސަލާމަތްކޮށް އިސްލާހުކުރަންޖެހިފައިވާ ކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ އެކަމަށް ލިބޭނެ އެންމެ މުހިންމު ފުރުސަތަކީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ މުހިންމު ހަރަކާތަކީ ލާމަރުކަޒީ ނިޒާމް ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންވާ އިންތިހާބު ކުރިއަށް ގެންދިޔުން، ރައީސް ޔާމީނަށް ވަރަށް ސާފު އަޅުގަނޑުމެންނާ ވާދަކުރައްވާފިނަމަ އެއީ އަޅުގަނޑުމެންގެ ހަތަރެސް ފައި ބަނދެފައި ނަމަވެސް އަޅުގަނޑުމެންނާ ވާދަކުރައްވައިފިނަމަ އެ ބޭފުޅުން ބަލިވެދާނެކަން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އިންތިހާބުން ބަލިވާނެކަން އެނގޭތީ އިންތިހާބު ބާއްވަން ވެސް ނުކުރޭނެ ކަމަށެވެ. އިންތިހާބެއް ކާމިޔާބުކުރެވޭވަރުގެ ތާއިދެއް ނެތްކަން ހުދު ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"ބަލިވާނެ މިންވަރު ވަރަށް ބޮޑަށް ސާފުވެލައްވާނެ، ތާއިދެއް ނެތް ކަމާއި ބިރު ދައްކައިގެން ވަޒީފާގެ ބިރާއި ކުޑަ ގޮޅީގެ ބިރާއި އެހެން ހުރިހާ ބިރެއް ދައްކައިގެން ރައްޔިތުން ނެރުނު ނަމަވެސް ވޯޓު ފޮށި ކައިރީގައި ހުއްޓޭނީ ތިމަންނާ އެކަނިކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ، ތިބޭފުޅުން އެ ވޯޓު ފޮއްޓަށް ލައްވާނެ ވޯޓު ވެސް ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލްގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ ކަމަށެވެ. އެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަން ކާމިޔާބު ކުރުމުގައި ރައްޔިތުންނާއެކު މަސައްކަތްކުރެއްވުން ހުއްޓާނުލައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މާޔޫސްވެވަޑައިގަންނަވާނެ ކަމެއް ނެތް، އަޅުގަނޑުމެންގެ ރާއްޖެ ނުގެންދެވޭނެ، އަޅުގަނޑުމެންގެ އަތަކުން އެ ނުގެންދެވޭނެ، އަޅުގަނޑުމެން މާގަދަ ވާނެ، އަޅުގަނޑުމެން މާ ވަރުގަދަ ވާނެ، އަޅުގަނޑުމެންގެ މާ ހިތްވަރު ހުންނާނެ، އަޅުގަނޑުމެން ބައްޔެއް ނުކުރެވޭނެ، އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ، އަޅުގަނޑުމެން ދަނޑިވަޅު ހޯދައި ފުރުސަތުގެ ބޭނުން ހިފަން ޖެހޭނެ، އަޅުގަނޑުމެން މޮޅުވާން ޖެހޭނެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ،" ނަޝީދު ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވި އިރު ވެރިކަން ކުރާ ޕީޕީއެމް އިން ވެސް ބުނެފައި ވަނީ އެ ޕާޓީއިން އަންނަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފުރިހަމަ އަގުލަބިއްޔަތުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި އެ ޕާޓީ އިން ވަނީ 200 އެއްހާ ގޮނޑިއަށް ކުރިމަތިލާން ވެސް ނިންމައިފަ އެވެ. ޕީޕީއެމް އިން ބުނަނީ އިދިކޮޅު ފަރާތްތައް ކިހިލި ޖަހާލައިގެން ނުކުމެ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި އެމްޑީޕީއަށް އެއްވެސް ތާއީދެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުން މަޝްރޫއުތައް ހިންގުމުގެ ނަމުގައި ނަގަމުންދާ ލޯނުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. ދަރަނި ބޮޑުވުމަކީ ސީދާ ރައްޔިތުންނަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށާއި އެކަމުގެ އަސަރުތައް ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ. މި މަހުގެ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ވެސް ދެވުނީ ލަހުން ކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ އަންނަ މަހު ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ފެންވަރު މި ސަރުކާރުގައި ހުންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ދިވެހިންނަށް އުފަންޖެހޭ ދަތިތައް އަންނަނީ އިތުރުވަމުން، އެކަމަށް އަޑުއުފުލާން ހުރި މަގުތައް އަންނަނީ ހަނިވަމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިގްތިސާދީ ވާހަކަފުޅުތަކެއް މިގޮތަށް ދެއްކެވިއިރު ރައީސް ޔާމީން ދާދިފަހުން ވިދާޅުވީ ދަރަނި ބޮޑުވާތީ މި ސަރުކާރުން ފިތްގަނޑައިގެން ނުދާ ކަމަށާއި ދަރަނި ނަގަމުން ދަނީ އެކަމަށް ޓަކައި އޮންނަ އިގްތިސާދީ އުސޫލުގެ ތެރެއިން އެދަރަނި ދެއްކޭނެ ގޮތްތަކެއް ރޭއްވެވުމަށް ފަހު ކަމަށެވެ. އަދި ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކުން އިގްތިސާދު ފުޅާވެ، އެ ލޯނުތައް ދެއްކުމަށް ހޯދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މުސާރަ ލަސްވި މައްސަލައިގައި ފިނޭންސް މިނިސްޓަރު ވެސް މިއަދު ވިދާޅުވީ، މުސާރަ ލަސްވީ އޮޓަމޭޓް ނިޒާމަކަށް މުސާރަދިނުމުގެ ކަންކަން ފެއްތުމުން އެރި އިދާރީ ދަތިތަކެއްގެ ސަބަބުން ކަމަށާއި ދައުލަތުގެ މާލީ އެއްވެސް ތާށިކަމެއް ނެތް ކަމަށެވެ. އަދި ދައުލަތް އޮތީ ފުދިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަޝީދު މި މަހުގެ 13 ވަނަ ދުވަހާ ހަމަޔަށް ލަންކާއަށް ކުރައްވާ ދަތުރުފުޅުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލު ކުރެއްވުމުގެ އިތުރަށް ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާ އެކު ވަކިވަކިން ވަނީ ބައްދަލުވުންތައް ބާއްވަވައިފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އިދިކޮޅު އިއްތިހާދުގެ ހިޔަނުގެ ކެބިނެޓްގެ ބޭފުޅުންނާއި ބައްދަލު ކުރެއްވި އެވެ. އަދި ސްރީލަންކާގައި ތިއްބަވާ ހުޅަނގުގެ ގައުމުތަކުގެ ސަފީރުންނާ އެކު ނަޝީދު ބައްދަލު ކުރެއްވި އެވެ.

ނަޝީދު ލަންކާއަށް ވަޑައިގެންނެވި މި ދަނޑިވަޅުގައި އެ ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި މިފަހުން އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް އެކި ސަބަބުތަކާ ހުރެ ވަނީ މަދުވެފަ އެވެ.