ވިޔަފާރި

ކުދި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގައި އިތުރު ލުޔެއް ދީފި

Feb 2, 2017

ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަރޝިޕް ތަކަށް މީރާއިން އިތުރު ލުޔެއް ދީފި އެވެ. އެއީ، އެފަދަ ފަރާތަކަށް، އެވްރެޖްކޮށް މަހެއްގެ ތެރޭގައި ލިބޭ އާމްދަނީ 40،000 ރުފިޔާއަށްވުރެ އިތުރު ނުވާނަމަ، މީރާގައި ރަޖިސްޓަރީ ކުރަން ނުޖެހޭ ގޮތަށް ހަމަޖެއްސުމެވެ. މީގެ ކުރިން މި ކަމަށް ކަނޑައަޅާފައިވާ އަދަދަކީ 20,000 ރުފިޔާ އެވެ.

މީރާއިން މިރޭ ބުނީ، ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަޝިޕްތަކަށް އާމްދަނީ ލިބޭ ނިސްބަތް ފިޔަވައި، އެ ފަރާތްތަކުން ބީޕީޓީ އަށް ރަޖިސްޓަރީކުރުން ލާޒިމުވާ އެހެން ޝަރުތު ތަކަކީ، ވިޔަފާރިއެއް ކުރުމަށްޓަކައި އެ ފަރާތަކުން ދައުލަތުގެ އެއްވެސް އިދާރާއެއްގެ ހުއްދަ ހޯދުމާއި، މުސާރަ ދީގެން މުވައްޒަފުން ގެންގުޅުން ކަމަށެވެ.

ކުދި ވިޔަފާރިތަކަށް ފަހަކަށް އައިސް މީރާއިން ދީފައިވާ ލުއިގެ ތެރޭގައި، އެ ފަރާތަކަށް އަހަރަކު ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނަމަ، މީރާއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތް ހަމަޖެއްސުމާއި، ހިސާބުތައް ތައްޔާރު ކުރުމުގައި "ކޭޝް ބޭސިސް" އިހުތިޔާރު ކުރުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މީގެ އިތުރުން ވަކި ފަރުދުންނާއި ޑީމްޑް ޕާޓްނަޝިޕްތަކުގެ ތެރެއިން އަހަރަކު އެއް މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން މީރާއަށް ބީޕީޓީ ބަޔާން ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސުން ވެސް ހިމެނެއެވެ.