ވިޔަފާރި

ފުވައްމުލަކުގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ތައާރަފްކޮށްފި

Feb 5, 2017

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ރާއްޖޭގައި ކުރަމުން ގެންދާ އިންވެސްޓްމަންޓްތައް ފުޅާކޮށް ފުވައްމުލަކުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި އެވެ. މި އާ ހިދުމަތް ފުވައްމުލަކަށް މި ތަޢާރަފްކުރީ ދިވެހި މުޖުތަމައުތަކަށް އެކި ދާއިރާތަކުން އެހީދޭން ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ބައެއްގެ ގޮތުގަ އެވެ.

މި ސެލްފްސާވިސް ސެންޓަރުން، ފައިސާ ނެގުމުގެ ހިދުމަތުގެ އިތުރަށް އޭޓީއެމް މެދުވެރިކޮށް އާންމުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ. މި ހިދުމަތް އިފްތިތާހުކޮށްދެއްވީ، މިއަދު ބީއެމްލް ފުވައްމުލަކު ބްރާންޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އާ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ފުވައްމުލަކުގައި ގާއިމްކުރެވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށްކަމުގައިވާ ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި އާންމުންގެ ބޭނުންތައް ފުއްދައިދިނުމަށް ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުން ވަރަށް މުހިންމު ކަމަށެވެ.

"މި އާ ސެލްފް ސާވިސް ބޭންކިން ސެންޓަރާ އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭނުން ކޮންމެ ވަގުތެއްގައި ފަސޭހަކަމާއެކު ބޭންކިން ޚިދުމަތްތައް ހޯދޭނެ،" ޝަރީފް ވިދާޅުވި އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. ދާދިފަހުން ބޭންކުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިންވެސްޓްކުރާ މިންވަރު ދެގުނައަށް މަތިކޮށް، މިއަހަރު ތެރޭ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން އިއުލާންކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ނެޓްވޯކާ އެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 19 ސެލްފްސަވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓް ބީއެމްއެލް އިން އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތައް ދެމުން އަންނަނީ އެ ބޭންކުންނެވެ. ބީއެމްއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއްވެ، އެ ބޭންކްގެ ސާފު ފައިދާ ވަނީ މިދިޔަ އަހަރު 281.8 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.