ހަބަރު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އަންނަ ހުކުރު ދުވަހު

Feb 5, 2017
1

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާ ގޮތަށް އެ ޕާޓީ އިން ނިންމައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓަކާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.

މީގެ ކުރިން ވެސް އެއްފަހަރު ބާއްވަން މަސައްކަތް ކުރި އެ އިންތިހާބު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް ކަމަށް އެމްޑީޕީ އިން ބުންޏެވެ. ޗެއާޕާސަންގެ މަގާމަށް ކުރިމަތިލީ ހަމައެކަނި ބޭފުޅަކު ރައީސް މުހައްމަދު ނަޝީދުގެ ލޯޔަރު ހަސަން ލަތީފް އެވެ. އެ ޕާޓީ އިން ބުނި ގޮތުގައި ހަސަން ލަތީފް އެ މަގާމަށް ގެންނަން ފެންނަކަމަށް އަދި ނުފެންނަ ކަމަށް ނަގާ އެ ވޯޓް މާލޭގައި ކުރިއަށް ގެންދާނީ އެ ޕާޓީގެ ހަރުގެ އާއި އޮފީހުގަ އެވެ. ރަށްރަށުގައި ނަމަ ޕާޓީގެ ހަރުގެތަކުގަ އެވެ.

ދަރުބާރުގެ ހޯދުމަށް ވެސް އެ ޕާޓީ އިން މަސައްކަތް ކުރި ނަމަވެސް، ހައުސިން މިނިސްޓްރީ އިން އެއްވެސް ޖަވާބެއް ނުދޭ ކަމަށް އެ ޕާޓީ އިން ބުންޏެވެ. އެ ޕާޓީ އިން މިހާރު ވަނީ ވޯޓްލާ މީހުންގެ ރަޖިސްޓްރީ ވެސް ޕާޓީގެ ވެބްސައިޓްގައި ނެރެފަ އެވެ. ހަސަން ލަތީފް އެ މަގާމަށް އިންތިހާބު ވުމަށް މަދުވެގެން 5،000 މެންބަރުންގެ ރުހުން ބޭނުންވާނެ އެވެ.