ކުޅިވަރު

ވީއޭއެމްގެ ރައީސްކަން ލަތީފަށް ގެއްލިއްޖެ

ވޮލީބޯލް އެސޯސިއޭޝަން، ވީއޭއެމްގެ ރައީސްކަން މުހައްމަދު ލަތީފަށް ގެއްލިއްޖެ އެވެ.

ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު ވަހީދު މިއަދު އަވަސްއަށް ވިދާޅުވީ، ޔޫތް ސްޕޯޓްސް ކުލަބުގެ މެންބަރުކަމުން ލަތީފު ވަކިކުރުމުން ވީއޭއެމްގެ އަސާސީ ގަވައިދުގައި ބުނެފައިވާ ގޮތުގެ މަތިން ވީއޭއެމްގައި ލަތީފު ހުންނެވި ރައީސްކަމުގެ މަގާމުން އޭނާ ވަކިވެފައިވާ ކަމަށެވެ.

ވީއޭއެމްގެ އަސާސީ ގަވައިދުގެ 23 ވަނަ މާއްދާގެ (ށ)ގެ ފަސްވަނަ މާއްދާގައިވާ ގޮތުން ފުރިހަމަ މެންބަރުންގެ ތެރެއިން އިންތިހާބު ކޮށްފައިވާ މެންބަރަކު އޭނާ ރަޖިސްޓްރީވެފައިވާ ކުލަބް، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ މެންބަރުކަމުން ވަކިކޮށްފިނަމަ އޭނާގެ މަގާމު ގެއްލޭނެ އެވެ.

ޔޫތް ސްޕޯޓްސް ކުލަބުން ވަނީ އެ ކުލަބުގެ ނައިބު ރައީސްކަމުގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު ލަތީފު ވަކިކޮށްފަައިވާކަން ވީއޭއެމްއަށް އަންގާފަ އެވެ.

އިއްޒަތު ވިދާޅުވީ، ލަތީފު، ކުލަބުން ވަކިކޮށްފައިވާކަން ޔޫތް މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. އަސާސީ ގަވައިދުގައިވާ ގޮތުން މިހާރު ވީއޭއެމްގެ ހިންގުމުގެ އެންމެ އިސް ފަރާތަކީ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ކަމަށް އިއްޒަތު ވިދާޅުވި އެވެ.