ހަބަރު

މިނިސްޓަރަކަށް ފޭސްބުކްގައި ފާޑު ކިޔައިގެން އިންޑިއާގައި ދަރިވަރަކު ހައްޔަރުކޮށްފި

Mar 19, 2015
3

އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ސްޓޭޓް މިނިސްޓަރު އާޒާމް ޚާން އަށް ފާޑު ކިޔައި ފޭސްބުކްގައި ލިޔުނު 19 އަހަރުގެ ދަރިވަރަކު ހައްޔަރުކޮށްފި އެވެ.

އަންގާރަ ދުވަހު މި ދަރިވަރު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދުގައި 14 ދުވަހު ބެހެއްޓުމަށް އަމުރު ދީފަ އެވެ.

ފުލުހުން ބުނީ ދަރިވަރު ލިޔެފައި ވަނީ ލިޔެގެން ނުވާނެ ފަދަ ވާހަކައެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާނޫނުގެ ދަށުން، ދޮގު އަދި އެކަށީގެންނުވާ ފަދަ ވާހަކައެއް މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ފެތުރުމުން ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގައި މި ދަރިވަރު ހައްޔަރު ކުރުމާ އެކު ގިނަ ބަޔަކު ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. މި ފަހަކަށް އައިސް އިންޑިއާގައި ވަނީ ފޭސްބުކާއި ޓްވިޓާގައި މީހުން ދައްކާ ވާހަކަަތަކާ ގުޅިގެން ފިޔަވަޅު އެޅުން އިތުރު ވެފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ އިންޑިއާ ސަރުކާރުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިކުރަމުން އަންނަ ކަމަށެވެ.

އާޒާމް ޚާންގެ އަރިސް ބޭފުޅަކާ ހަވާލާދީ އިންޑިއާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދަރިވަރު ހައްޔަރު ކުރީ ހިންދޫންނާއި މުސްލިމުންނަށް ވެސް ރައްދުވާ ގޮތަށް، ޚާންއާ ބެހޭ ގޮތުން ދޮގު ވާހަކައެއް ދައްކާފައި ވުމުންނެވެ.

އިންޑިއާގެ އައިޓީ ގާނޫނު ބުނާ ގޮތުން، އެކަކު ފޮނުވާ އީމެއިލަކުން އަނެއް މީހާ ހިތްހަމަނުޖެހި ރުޅި އައިސްފި ނަމަވެސް ތިން އަހަރަށް ޖަލަށް ދާންޖެހޭ ވަރުގެ ދައުވާއެއް ކުރުމުގެ ބާރު ވަނީ ލިބިދީފަ އެވެ. –ބީބީސީ