މާރާމާރީ ހިންގުން

ދެ އަންހެނަކު މާރަމާރީ ހިންގާ އެކެއްގެ ބޯ ފަޅާލައިފި

މާލޭގައި ދެ އަންހެނެއްގެ މެދު ހިނގި ވަރުގަދަ މާރަމާރީއެއްގައި އެއިން އަންހެނެއްގެ ބޯ ފަޅާލައިފި އެވެ. މި މާރަމާރީ ހިނގާފައި ވަނީ މިއަދު އިރުއޮއްސި 6:00 ޖަހާ އެހާކަންހާއިރު މާފަންނު ބީޖީ ސަރަހައްދުގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މާރާމާރީގެ އެ ހާދިސާގައި އެކެއްގެ ބޮލުން ބައެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި ބޯ ފަޅައިގެން ދިޔަ އަންހެން މީހާއަށް އައިޖީއެމްއެޗްފައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް މާރާމާރީގެ މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވި އެވެ.

އެނގިފައިވާ ގޮތުގައި ބޯ ފަޅައިގެން ދިޔަ އަންހެން މީހާއަށް ހަމަލާ ދިނީ އޭނާގެ ފިރިމީހާގެ ކުރީގެ އަންހެނުންނެވެ. އަދި ބޯ ފަޅާލާފައި ވަނީ ޒަހަމްވި އަންހެން މީހާ ދިރިއުޅޭ ގެޔަށް ވަދެ ޒުވާބުކޮށް ދެމެދުގައި ހަމަނުޖެހުން ހިނގައި މާރާމާރީ ހިންގުމުގެ ތެރޭގަ އެވެ.

ހަމަލާ ދިން އަންހެން މީހާއަށް މިހާދިސާގައި ގެއްލުމެއް ލިބުނު ކަމެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ގެންދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.