އައިހެވަން

އައިހެވަންގެ ޕްލޭންތައް އޭޕްރިލަށް ނިންމައި އިންވެސްޓްމަންޓަށް ހުޅުވާލަނީ

އުތުރުގައި ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަންގެ މާސްޓާ ޕްލޭންގެ ތަފްސީލްތައް އަންނަ އޭޕްރީލް މަހަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިއަދު މިހެން ވިދާޅުވި އިރު، އައިހެވަންގެ މާސްޓާ ޕްލޭން ހަދަން ސަރުކާރުން ވަނީ މި ސަރަހައްދުގެ އެންމެ ބޮޑު އެއް ކޮންސަލްޓެންސީ ކުންފުނި، ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ ހަވާލުކޮށްފަ އެވެ.

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުވައި ދެއްވައި މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ޔާމީން ވިދާޅުވީ ހާއްސަ އިގްތިސާދީ ސަރަހައްދުތައް ރާއްޖޭގައި ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގައި އުތުރުގައި ތަރައްގީ ކުރާ އިގްތިސާދީ ތަރައްގީ، އައި-ހެވަންގެ ތަފްސީލް ޕްލޭންތައް މި އަހަރު ނިމޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން ނިމުމާ އެކު އެ މަޝްރޫއަށް އިންވެސްޓްމަންޓްތައް ހޯދުމުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ އެވެ.

"އައިހެވަން މަޝްރޫއުގެ ތަފްސީލު ޕްލޭންތައް، މިއަހަރުގެ އެޕްރީލްގެ ކުރިން ނިމޭނެ. މިއާއެކު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމުގެ މަސައްކަތް ކުރެވިގެންދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އައިހެވަން މާސްޓާ ޕްލޭންގެ ތަފްސީލް ލިބުމުން ހިއްކަން ޖެހޭ ސަރަހައްދާއި މީހުން އާބާދު ކުރާނެ ސަރަހައްދުތަކާއި އެއާޕޯޓާއި ޕޯޓް ހަދާނެ ސަރަހައްދުތައް ކަނޑައެޅޭނެ އެވެ. މާސްޓާ ޕްލޭން ހަދާނީ ފީސިބިލިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަތް ސަރަހައްދަކަށް އަމާޒުކޮށްގެ ނެވެ.

އައިހެވަން މަޝްރޫއަކީ އިހަވަން ދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭ ގޮތަށް ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓު ކުރާ އިތުރު އިންޑަސްޓްރީ ކަމުގައިވާ ވެއާހައުސިން، ޕެކޭޖިން، ޕްރޮސެސިން، މެނިފެކްޗަރިން، އިންޓާނޭޝަނަލް ކްރޫޒް ފެސިލިޓީ އަދި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއަށް އިންޑިއާ އަދި ސައުދީ ފަންޑުން އިންވެސްޓް ކުރަން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.