ވިޔަފާރި

މިދިޔަ އަހަރު އެކްސްޕޯޓް 7 ޕަސަންޓް އިތުުރުވެއްޖެ

Feb 6, 2017

މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓުކުރެވުނު މުދަލުގެ އަގު 2015 ވަނަ އަހަރާއި އަޅާބަލާއިރު ހަތް ޕަސަންޓު އިތުރުވެއްޖެއެވެ. ކަސްޓަމްސްގެ ތަފާސް ހސިާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ރާއްޖެއިން ވަނީ 3.9 ބިލިއަން ރުފިޔާގެ މުދާ އިތުރުވެފަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ އެކްސްޕޯޓް ކުރި މުދަލުގެ 33 ޕަސަންޓެވެ. ދެން އެންމެ ގިނަ މުދާ އެކްސްޕޯޯޓް ކޮށްފައިވަނީ އަވަށްޓެރި ސްރީލަންކާ އަދި އެމެރިކާ އަށެވެ. އެގޮތުން ސްރީލަންކާއަށް 11 ޕަސަންޓް އަދި އެމެރިކާއަށް ނުވަ ޕަސަންޓް މުދާ އެކްސްޕޯޓުކޮށްފައިވެ އެވެ.

ކަސްޓަމްސްގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް މުދާ އިމްޕޯޓުކުރި މިންވަރުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން 2015 ވަނަ އަހަރާއި އަޅާބަލާއިރު ރާއްޖެއަށް އިމްޕޯޓްކުރި މުދާ ވަނީ 12 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު 34 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކުރި އިރު އޭގެ ކުރީ އަހަރު ރާއްޖެއަށް އެތެރެކޮށްފައިވަނީ 31 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެޝިނަރީއާއި އިލެކްޓްރޯނިކްސްގެ ބާވަތްތަކަށް ކަމަށްވެސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން އިމްޕޯޓްކުރި ޖުމްލެޝިނަރީއާއި އިލެކްޓްރޯނިކްސްގެ އަގު 6,758 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ، މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރެވުނު މުދަލުގެ %21 އެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓް ކުރުމަށެވެ. ކާބޯތަކެތި އެތެރެ ކުރުމަށް 6,402 މިލިއަން ރުފިޔާ19 ހޭދަކުރި އިރު އެއީ އިމްޕޯޓް ކުރި މުދަލުގެ އަގުގެ 19 ޕަސަންޓެވެ. ތިންވަނައަށް އެންމެބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ބާވަތްތައް އިމްޕޯޓްކުރުމަށެވެ. އެއީ 3,543 މިލިއަން ރުފިޔާ އެވެ.

ރާއްޖެއަށް އިމްޕޯޓުކުރި މެޝިނަރީއަށް ހޭދަކުރެވިފައިވާ އަދަދު ބޮޑުވެފައިވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތްތަކަށް އިމްޕޯޓްކުރެވުނު ތަކެތީގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރެވިފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް، ސިންގަޕޫރު އަދި އިންޑިޔާ އިންނެވެ.

މީގެ އިތުރުން ތެލުގެ ބާވަތްތައް ހިމެނޭގޮތަށް އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ އަހަރު ލިބުނު އާމްދަނީ ވެސް ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އަށް ޕަސަންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2015 ވަނަ އަހަރުގެ މިމުއްދަތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ.