ވިޔަފާރި

ބީއެމްއެލްގެ ޕީއޯއެސް ނެޓްވޯކަށް 4000 ވަނަ މާޗަންޓް އިތުރުކޮށްފި

Feb 6, 2017
2

ބޭންކް އޮފް މޯލްޑިވްސް އިން ދިވެހި ވިޔަފާރިތަކަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ނެޓްވޯކަށް 4000 ވަނަ މާޗަންޓް އިތުރުކޮށްފިއެވެ. މި ލަނޑުދަނޑި ހާސިލްވުން ފާހަގަކޮށްފައިވަނީ 4000 ވަނަ މާޗަންޓަކަމުގައިވާ، އއ.ރަސްދޫ ރޯޔަލް އިން ގެސްޓް ހައުސް ގައި މިއަދު ބޭއްވި ކުޑަ ހަފްލާއެއްގައެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ބޭއްވި މިހަފްލާގައި އެ ގެސްޓް ހައުސްގެ މެނޭޖްމަންޓަށް ހަނދާނީ ފިލާއެއް ވަނީ ދީފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް، މުހައްމަދު ޝަރީފް ވިދާޅުވީ، ރޯޔަލް އިން ގެސްޓް ހައުސްއަކީ ޕީއޯއެސް ނެޓްވޯކާ ގުޅޭ 4000 ވަނަ ވިޔަފާރި ކަމަށާއި އެ މުހިންމު ލަނޑުދަނޑި ހާސިލްވުން ރަސްދޫގައި ފާހަގަކުރުމަކީ އުފަލެއް ކަމަށެވެ.

"މިއީ ބީއެމްއެލްއިން ވިޔަފާރިތަކަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ އެއް ހިދުމަތް. ރަސްދޫއަށް މި ހިދުމަތް ތައާރަފް ވުމާ ގުޅިގެން ވިޔަފާރިވެރިންނަށާއި މިރަށުގެ އިގްތިސާދަށް ކުރިއެރުން އަންނާނެކަމަށް އަޅުގަނޑު ގަބޫލު ކުރަންް." ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ދުނިޔޭގެ މަޝްހޫރު ހުރިހާ ކާޑުތައް ބަލައިގަނެއެވެ. އަދި ވިޔަފާރި ކުރުމަށްފަހު ފަސޭހަކަމާ ރައްކާތެރިކަމާއެކު ފައިސާ ދެއްކޭނެއެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. މިކެމްޕޭނުގެ ތެރޭގައި މި ފެބްރުއަރީ މަހުގެ ކޮންމެ ދުވަހެއްގައިވެސް މުޖުތަމައަށް ފައިދާ ހުރި ހަރަކާތެއް ބީއެމްއެލްއިން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާ ފެސިލިޓީތައް ހުޅުވުމާއި، ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 190 ކޭޝް އޭޖެންޓުން، 20 ސެލްފްސާވިސް ބޭންކިން ސެންޓާ އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބީއެމްއެލްއިން ބުންޏެވެ.