ހަބަރު

ކައުންސިލަރުންގެ ބިލާ މެދު ސަރުކާރު މެންބަރުން ވެސް ކަންބޮޑުވެއްޖެ

  • ބިލް ހުށަހެޅީ ޕީޕީއެމްގެ ޕީޖީގެ މަޝްވަރާއެއް ނެތި
  • ބޮޑު ކަންބޮޑުވުމަކީ ކުށްވެރިންނަށް ވާދަކުރަން ފުރުސަތު ލިބޭތީ
  • ކޮމިޓީ މަރުހަލާގައި ބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ގޮވާލި

ލޯކަލް ކައުންސިލް އިންތިހާބަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކަށް އިސްލާހު ގެނައުމަށް މިހާރު ހުށަހަޅާފައިވާ ބިލުގައި، ބައެއް ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ވެސް އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭތީ، ސަރުކާރު ހިންގާ، ޕީޕީއެމް މެންބަރުން ވެސް މިއަދު މަޖިލީހުގެ ތަޅުމުގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ޕީޕީއެމްގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ހުށަހެޅި ބިލުގައި ވަނީ ކައުންސިލަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރެއިން އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޒު ކުރަމުންދާ މީހަކަށް ވާދަ ނުކުރެވޭނެ މާއްދާ އާއި އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ނުވަތަ ހިޔާނާތުގެ ކުށެއް އަދި ރިޝްވަތާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް ވާދަ ނުކުރެވޭނެ ކަމަށް ބުނާ މާއްދާ އުވާލަން ހުށަހަޅާފަ އެވެ.

އޭގެ އިތުރުން ފުލްޓައިމް ދަރިވަރަކަށް ނުވުމުގެ ޝަރުތު އުނިކޮށްފައިވާ އިރު ދިވެހި ރައްޔިތަކަށް ވެފައިވާ ބިދޭސީއެއް ކައުންސިލަރެއް ކަމަށް ކުރިމަތިލާން ބޭނުންވާ ނަމަ އެމީހަކަށް ދިވެހި ރައްޔިތަކަށްވީތާ ފަސް އަހަރު ފުރުމާއި ރާއްޖޭގައި ދިރިއުޅެމުންދާ ވުމުގެ ޝަރުތެއް ކަމުގައި ހިމެނުމަށް މި ބިލްގައި ވަނީ ހިމަނައިފަ އެވެ.

މި ބިލަށް ތިން ގަޑިއިރުގެ ބަހުސް ވަގުތެއް ރިޔާސަތުން ކަނޑައެޅިއިރު ވާހަކަދެއްކެވި ޕީޕީއެމްގެ ގިނަ މެންބަރުންގެ ވެސް ދެކޮޅު ހެއްދެވީ، ބައެއް ބޮޑެތި ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ވެސް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭ މައްސަލައިގަ އެވެ. އެ މާއްދާތަައް ކޮމިޓީ މަރުހަލާގައި އިސްލާހު ކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ މެންބަރުން ވެސް ވިދާޅުވި އެވެ.

އެގޮތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ވިދާޅުވީ މިހާތަނަށް ގާނޫނުގައިވާ ގޮތުން ކުށެއްކޮށްފި މީހަކަށް އޭނާގެ އުމުރުގެ އެއްވެސް ހިސާބެއްގައި ސިޔާސީ މަގާމަކަށް ކުރިމައްޗެއް ނުލެވޭ ކަމަށެވެ. އެއީ ގަބޫލު ކުރެވޭ އުސޫލެއް ކަމަށާއި ސިޔާސީ މަގާމުތަކަށް އަންނަން ޖެހޭނީ ރައްޔިތުން ގަބޫލު ކުރާ ނަޒާހަތްތެރިކަން ހުރި މީހުން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ކުށެއް ކުރެވުނު ނަމަވެސް ސިޔާސީ މަގާމަކަށް އާދެވެން ޖެހޭނީ، އެ މީހުންނަށް ވެސް ދިގު މުއްދަތެއްގެ އަދަބެއް ދިނުމަށް ފަހު ކަނޑައެޅޭ ވަކި މުއްދަތަކަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބިލަކީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މަޝްވަރާއެއް ނެތި ހުށަހަޅާފައިވާ ބިލެއް ކަމަށާއި މި ބިލާ ސަރުކާރާ ގުޅުމެއް ނެތް ކަމަށް ޖައުފަރު ވިދާޅުވި އެވެ.

"ރައްޔިތުން އިންތިހާބު ކުރާ ތިން ބާވަތުގެ މީހުން މި އުޅެނީ. އެއީ ރައިސުލްޖުމްހޫރިއްޔާއާއި މަޖިލީސް މެންބަރުންނާއި ކައުންސިލަރުން. އޭގެ ތެރެއިން ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ މެންބަރުންނަކީ ލޯކަލް ކައުންސިލްތަކުގެ މެންބަރުން. އެ މީހުން މަސައްކަތް ކުރަން ޖެހެނީ ރައްޔިތުން ބަލައިގަނެ ގަބޫލު ކުރާނެ ގޮތަކަށް. ނަމަވެސް މި އިސްލާހުގެ ސަބަބުން ކޮންމެ ފަދަ ކުށެއްކޮށްފައި ހުރި މީހަކު ކައުންސިލަރަށް ކުރިމަތިލެވޭނަމަ އޭމީހަކީ ރައްޔިތުންނަށް ބަލައިގަނެވޭނެ މީހަކަށް ނުވާނެ،" ޖައުފަރު ވިދާޅުވި އެވެ.

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ ޝަރުތުތަކަކީ ރައްޔިތުންގެ ފަރާތުން މަންދޫބަކަށް ވާން ޖެހޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކުގެ މައްޗައް ރިއާޔަތް ކުރެވިގެން ހަދާފައިވާ ގާނޫނެއް ކަމަށެވެ. އަދި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ޝަރުތުތައް ލުއި ކުރުމަށް ތާއީދު ކުރި ނަމަވެސް މި އިސްލާހުގައި އުނި ކުރަން ޖެހޭ މާއްދާތަކެއް އެބަހުރި ކަމަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންވެސް ރީހެބިލިޓޭޝަނަށް ގޮސް ރަނގަޅުވުމަށް ފަހު އަނެއްކާވެސް އެވަބާގައި ޖެހިގެން އުޅޭ ތަން. އެފަދަ ފަރާތްތަކުން ކައުންސިލްތަކަށް ކުރިމަތިލުމަށް މަގުފަހި ވެގެން ދިޔުމަކީ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް،" ސައުދު ވިދާޅުވި އެވެ.

އޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީން އަހުމަދު މަނިކު ވިދާޅުވީ ބިލުގައި 12 މަސްދުވަހުގެ މުއްދަތަކަށްވުރެ ކުރު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރާ މީހަކަށް ކައުންސިލަރަކަށް ކުރިމަތިލެވިދާނެ ކަން ސާފެއް ނުވާ ކަމަށެވެ. އޭގެ އިތުރުން ބޮޑެތި ކުށްތައްކޮށްފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވެން އޮންނަ ބައި އިސްލާހު ކުރަން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.

"އެއްވެސް ކުށެއް ސާބިތުވެ 12 މަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުމަށް އޮތް އިރު އެއަށް ވުރެ ކުޑަ ހުކުމެއް އައިސްފައިވާ މީހަކަށް ކުރިމަތިލެވިދާނެތޯ ސުވާލު އުފެދޭ. ކުށްތައްކޮށްފައިވާ މީހުންނާ ގުޅޭ ގިނަ މާއްދާތަކެއް އުނިކޮށްފައިވާ އިރު މި އިސްލާހު ފާސް ކުރުމުގެ ކުރިން ކޮމިޓީ މަރުހަލާގައި ވެސް އިތުރަށް މަޝްވަރާކޮށް ސާފުވެގެން ދާނެ. ކޮމިޓީއިން ބިލު ފާސްވެގެން އަންނަ އިރު މިއަށްވުރެ ފުރިހަމަ ވެގެން ދާނެ ކަމަށް އުންމީދު ކުރަނީ،" އަމީން ވިދާޅުވި އެވެ.

އެ ބިލާ މެދު އިދިކޮޅު އެމްޑީޕީ މެންބަރުންގެ ވެސް ހުރީ އެއް ކަންބޮޑުވުންތަކެކެވެ. އެގޮތުން މަރަދޫ ދާއިރާގެ މެންބަތު އިބްރާހިމް ޝަރީފް ވިދާޅުވީ ބިލުގެ ޒަރިއްޔާއިން ކައުންސިލަރު ކަމަށް ކުރިމަތިލެވޭ ފަރާތްތަކަށް ޝަރުތުތައް ލުއިކޮށްދިން ނަމަވެސް އެ ބިލު ގާނޫނަކަށް ބަދަލުވެގެން ދާއިރު ކުޑަކުދިންނާ ބެހޭ މީހުންނާއި ޑްރަގް ވިޔަފާރި ކުރާ މީހުންނަށް އޮތް ފުރުސަތުތައް އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

"މިކަން ފުޅާ ދާއިރާއެއްގައި ދިރާސާކޮށްފައި މި އޮތްގޮތަށް ފާސްވެއްޖެ ނަމަ ނިކުމެދާނެ ކަންކަން ބަލަން ޖެހޭ. ކުއްލިއަކަށް މި ބިލު ފާސް ކުރުމަކީ ހަމަޖެހޭ އަދި އެންމެ ރަނގަޅު ގޮތް ކަމަކަށް ގަބޫލެއް ނުކުރަން. އެހެންވި މި ބިލް މި އޮތް ގޮތަށް ފާސް ކުރަން އަޅުގަނޑަކަށް ތާއީދެއް ނުކުރެވޭ. ކޮންމެ ކަމެއްގާ މިންގަނޑުތަކާ ޝަރުތުތައް ވެސް އޮންނަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ ކައުންސިލަރު ކަމަށް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތަކާ މެދު މީގެ ކުރިންވެސް ހުރިހާ މެންބަރުން ބަހުސްކޮށްފައިވާ ކަމަށާއި އަދި އެފަދަ ކަންތައްތަކަކީ އަބަދުވެސް އިސްލާހެއް ގެންނަން ޖެހިފައި ހުންނަ ކަމެއް ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލުގައި މެންބަރު ހިތްހަމަ ނުޖެހޭ ކަންތައް ހުރީއާ ކޮމިޓީ މަރުހަލާގައި އެކަންތައް އިސްލާހު ކުރާނެ ރިޔާޒު ވިދާޅުވި އެވެ.

"މި އިސްލާހުގައި ހުރި ކަންކަން ބަދަލުކޮށް ޕާޓީތަކުން މަޝްވަރާކޮށްގެން ހައްލެއް ގެންނަމާ ހިނގާ. އެމްޑީޕީގެ ކަންބޮޑުވުން އޮތް މާއްދާތައް ވެސް ވަކިން ބަލާގެން ބަދަލު ކުރަމާ ހިނގާ،" ރިޔާޒު ވިދާޅުވި އެވެ.

ނަމަވެސް ކުށްކޮށްފައި ތިބި މީހުންނަށް ގައުމުގެ ކަންތައްތަކުގައި އޮންނަ ފުރުސަތު އެއްކޮށް ކަނޑުވާލުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ބިލުގައި ބޮޑެތި ކުށްތަކާއި އިސްލާމް ދީނުގައި ހައްދު ކަނޑަކުށްތައްކޮށްފައި ތިބި މީހުންނަށް ކައުންސިލަރު ކަމަށް ކުރިމަތިލާން ފުރުސަތު ލިބޭތީ އިސްލާހު ކުރަން ޖެހޭ ބައިތަކަށް ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ މެންބަރުން ވެސް އަލިއަޅުވާލެއްވި އެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް މެންބަރުންގެ ހިޔާލު ހޯދަން މިއަދު ވޯޓެއް ނަގާނެ އެވެ.