ހަބަރު

މިނިވަން ފަންސާހުގެ އޮފީސް ހުޅުވައިފި

Mar 19, 2015

މިނިވަން ކަމަށް 50 އަހަރު ފުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ރާވައި ކުރިއަށް ގެންދިއުމަށް ހާއްސަ އޮފީހެއް ހުޅުވައިފި އެވެ.

ގާޒީ ބިލްޑިންގްގެ ތިރީގައި "މިނިވަން ރަންޔޫބީލް އޮފީސް" ހުޅުއްވައި ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވަމުންދާ ކަމަށެވެ. އަދި މި ހަރަކާތްތައް ހުރިހާ މީހުން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ގެންދިއުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި އަހަރު ތެރޭގައި ހިންގުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވަނީ. މިނިވަން 50 ގެ ހަރަކާތްތަކަކީ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެއް. ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެއް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން 50 އަކީ ހުރިހާ ރައްޔިތުންގެ ވެސް 50 ކަމަށެވެ.

"މިނިވަންކަން ހޯދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވި ބޭފުޅުންނާއި މިނިވަންކަން ދިފާއު ކުރުމަށްޓަކައި ބޭނުން ކުރެއްވި ބޭފުޅުންގެ ހަނދާންތައް އާކުރެވޭނެ. ވޭތުވެދިޔަ ދުވަސްތަކުގައި އިލްމީ ރޮނގުންނާއި ފަންނީ ރޮނގުން މަސައްކަތް ކުރެއްވި ބޭފުޅުންގެ ހަނދާންތައް އާކުރެވިގެން ދާނެ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން ފަންސާސް އަހަރު ފާހަގަ ކުރާއިރު، ޒުވާނުންނާއި ކުޑަކުދިންނަށް މިނިވަންކަން ލިބިގެން ދިޔަ ގޮތް އެނގިގެން ދާން ޖެހޭ ކަމަށެވެ.

"މިނިވަން ކަމުގެ މުހިންމުކަން އަންގައިދީގެން ނޫނީ ކުރިއަށް އޮތް އަހަރުތަކުގައި ގޮންޖެހުންތައް ކުރިމަތިވާނެ،" އަމީން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރީން އިންތިޒާމުކޮށްގެން މުޅި އަހަރަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި މުޅިރާއްޖެ ބައިވެރިވާ ގިނަ ހަރަކާތްތަކެއް ވެސް ހިމެނެ އެވެ.