ވިޔަފާރި

ޕެރިހާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ

ފްރާންސްގެ ގައުމީ އެއާލައިން 'އެއާ ފްރާންސް' އިން ސީދާ ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައި އެ އެއާލައިނުން އެކަން އިއުލާންކޮށްފި އެވެ.

އެއާފްރާންސްގެ އޮފިޝަލުންނާ ހަވާލާދީ އޭވިއޭޝަން ޓްރައިބިއުން ނޫހުން ބުނީ ހަފުތާއަކު ދެ ދަތުރު ކުރާ ގޮތަށް އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހާއި ބުދަ ދުވަހު ދަތުރުތައް ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި ޕެރިހުން ރާއްޖެއަށް ދަތުރުކުރާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގެ ޗާލްސް ޑި ގާލީ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ފަށާ ދަތުރުތަކުގައި ބޭނުންކުރާނީ ބޯއިން 777 މަރުކާގެ 312 މީހުންގެ ޖާގައިގެ ތިން މަތިންދާބޯޓެވެ. އެ ބޯޓްތަކުގައި ހުންނާނީ ބިޒްނަސް ކްލާހުގެ 28 ޖާގައާއި ޕްރެމިއަމް އިކޮނޮމީ ކްލާހުގެ 24 ޖާގަ އާއި އިކޮނޮމީ ކްލާހުގެ 260 ޖާގަ އެވެ.

އެއާފްރާންސްގެ ސީއީއޯ ފްރޭންކް ޓާނާ ވިދާޅުވެފައި ވަނީ އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ މަގުބޫލު މަންޒިލް ތަކަށް ދަތުރު ކުރުމުގައި އެ އެއާލައިންގެ މަގާމު އިތުރަށް ވަރުގަދަ ކޮށްދޭނެ ކަމެއް ކަމަށެވެ. އެއާ ފްރާންސަކީ ޔޫރަޕްގެ ގައުމުތަކުން އިންޑިއާ ކަނޑުގެ ގައުމުތަކަށް ދަތުރުކު ކުރުމުގައި މިހާރުވެސް ލީޑް ކުރަމުން އަންނަ އެއާލައިނެކެވެ.

ރާއްޖެ އާއި ފްރާންސާ ދެމެދު މިހާރު ސީދާ ދަތުރުތަކެއް ނޯވެ އެވެ. އެ ގައުމުން އަންނަ ޓޫރިސްޓުން ރާއްޖެ އަންނަނީ އެމިރެޓްސް، ގަތަރު އަދި ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ޓްރާސިޓްކޮށްފަ އެވެ.