ވިޔަފާރި

ސައުދީގެ އިންވެސްޓްމަންޓްތައް ރާއްޖެ އިތުރުކުރަން މަޝްވަރާކޮށްފި

ސައުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް މިހާރަށް ވުރެ އިތުރު ކުރުމަށް ދެގައުމުން މަޝްވަރާކޮށްފި އެވެ.

ގަލްފް ނިއުސް އިން ބުނީ ވިޔަފާރި އިތުރު ކުރުމަށް ދެ ގައުމުން މަޝްވަރާ ކުރީ ސައުދީގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާ، ކައުންސިލް އޮފް ސައުދީ ޗެމްބާސްގެ މެމްބަރުންނާއި އެގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޢަބުދުﷲ ޙަމީދު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.

އެ ބައްދަލުވުމުގައި ސަފީރު އަބްދުﷲ ހަމީދު ވިދާޅުވެފައި ވަނީ ވިޔަފާރި އިތުރުކުރުމަށް އެންމެ ރަނގަޅުގޮތަކީ ދެ ގައުމުގެ ދެމެދުގައި ޕާޓްނަޝިޕްތަކާއި އެލަޔަންސްތައް އުފެއްދުން ކަމަށެވެ. ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކޮށް ވިޔަފާރިއާ ބެހޭ މަޝްވަރާތަކަށް މަގު ފަހިކުރުމަށް ރާއްޖޭގެ ވިޔަފާރިވެރިން ޝައުގުވެރިވާ ކަމަށް ވެސް އޭނާ ވަނީ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލް އޮފް ސައުދީ ޗެމްބާސްގެ ސެކްރެޓަރީ ޖެނެރަލް ސައުދު އަލް މިޝާރީ ވިދާޅުވެފައި ވަނީ ރާއްޖެއާ އެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަން އެ ކައުންސިލުން ތައްޔާރަށް އޮތް ކަމަށެވެ. ރާއްޖޭގެ މާކެޓަށް ސައުދީ އަރަބިއްޔާގެ އިންވެސްޓަރުންގެ ޝަޢުގުވެރިކަން އިތުރުކުރުމަށް ވިޔަފާރީގެ ވަފުދުތައް އެއް ގައުމުން އަނެއް ގައުމަށް ފޮނުވުމަށް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ. އެގޮތުން މަޝްވަރާ ކުރެއްވީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއަށް އިސްކަންދީގެންނެވެ.

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަށް މިޝާރީ ވަނީ މި ބައްދަލުވުމުގައި ތައުރީފުކުރައްވާފަ އެވެ.